ސާފް 20 އަހަރުން ދަށު މުބާރާތް ރާއްޖޭގައި ބޭއްވި އިރު، އެމުބާރާތުގައި ވިދާލި ޒުވާން ކުޅުންތެރިޔާ ރޮނަން ބެންޖަމިން ސުލިވަން މިފަހަރު ސީނިއާ ޓީމަށް ކުޅެން މަސައްކަތް ކުރި ނަމަވެސް، އަނިޔާވެ ޓީމާ ނުގުޅޭނެ ކަމަށް ބަންގްލަދޭޝް ޓީމުން ބުނެފިއެވެ.

ރާއްޖޭގައި ބޭއްވި ސާފްގެ އުމުރުފުރާ މުބާރާތް ފޯރިއާއެކު ނިމިގެން ދިޔައީ ބަންގްލަދޭޝްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. ރޮނަންއާއި އޭނާގެ އެއްމާބަނޑު ޑެކްލަން ތިއެޑޯ ސުލިވަންވެސް އެ މުބާރާތުން ފެނިގެން ދިޔަ އިރު، އެ ދެ ކުޅުންތެރިންނަކީވެސް ބަންގްލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގައި ދިރިއުޅޭ ދެ ކުޅުންތެރިންނެވެ.

ރޮނަންއަށް ބަންގްލަދޭޝްއަށް ކުޅުމަށް ފުރުސަތު ފަހިވީ އޭނާގެ މާމައަކީ ބަންގްލަދޭޝް ރައްޔިތަކަށްވާތީއެވެ. ރޮނަން މިހާރު ކުޅެނީ އެމެރިކާގެ ކޮލެޖިއޭޓް ފުޓުބޯޅައެވެ. އެއީ ސެއިންޓް ޖޯސެޕް ހޯކްސްއަށެވެ.

އުމުރުން 18 އަހަރުގެ ރޮނަން ވަނީ ސާފް 20 އަހަރުން ދަށު މުބާރާތުގައި މޮޅަށް ކުޅެފައެވެ. ހާއްސަކޮށް ސެޓް ޕީސްތަކުގައި އޭނާގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، އެ މުބާރާތަށްފަހު އޭނާ ބުނީ ސީނިއާ ޓީމަށް ކުޅުމަކީ ހުވަފެނެއް ކަމަށެވެ.

ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕް ނަގަން ޓާގެޓް ކޮށްގެން މަސައްކަތް ކުރަމުންދާ އިރު، އެޓީމުން ގޯލް ޖެހުމުގެ މައްސަލަ ހައްލުކުރަން ކޯޗު ތޯމަސް ޑޫލީގެ ޕްލޭނުގައި ރޮނަން ހިމެނޭ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭގެ އިތުރުންވެސް އިނގިރޭސި ނުވަ ވަނަ ފަންތީގައި ކުޅޭ މުހައްމަދު މަހޭ ހާންއަށްވެސް ސީނިއާ ޓީމުން ޖާގަ ދޭން ޑޫލީ ވަނީ ނިންމައިފައެވެ.

ބަންގްލަދޭޝްގެ ނޫސްތަކަށް ވާހަކަ ދައްކަވަމުން ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަންގެ ފަހަދު ކާރިމް ވިދާޅުވީ، ރޮނަން އިއްޔެގެ ވަގުތެއްގައި ނިންމީ ގައުމީ ޓީމަށް މިވަގުތު ކުޅެވެން ނެތް ކަމަށެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އަދި އެކަމަށްޓަކައި ބަންގްލަދޭޝް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައިވާ ކަމަށްވެސް ކާރިމް ވިދާޅުވިއެވެ.

ބަންގްލަދޭޝްއިން އަމިއްލަ ގައުމުގައި ސާފްގެ ތަށި ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެ ޓީމަށް މިފަހަރު އޮންނަ އެންމެ ފުރަތަމަ މެޗަކީ ބޫޓާނާ ދެކޮޅަށް މިމަހުގެ ފަސްވަނަ ދުވަހު އޮންނަ މެޗެވެ.