މަސައްކަތުގެ މާހައުލުގައި ހޫނުގަދަވުމުގެ ސަބަބުން 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއާއި ސްރީލަންކާއަށް އަހަރަކު 26.6 ބިލިއަން އެމެރިކާ ޑޮލަރުގެ އިގުތިސާދީ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ދީފިއެވެ. އައިއެލްއޯއިން މިކަން އާންމުކޮށްފައިވަނީ އެ އޯގަނައިޒެޝަނުން އާންމު ކުރި ދިރާސާ ރިޕޯޓެއްގައެވެ.

އައިއެލްއޯގެ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރެވޭ ހާލަތެއްގައި ވެސް މި ދެ ގައުމުން ފުލްޓައިމް 1 ލައްކަ 47 ހާސް ވަޒީފާއާ އެއްވަރުގެ މަސައްކަތުގެ ވަގުތު ގެއްލިގެންދާނެއެވެ.

ބުރާސްފަތި ދުވަހު އައިއެލްއޯއިން ނެރުނު ރާއްޖެއާ ގުޅޭ ދިރާސާގައި ބުނެފައިވަނީ، 1985 އިން 2014 އަށް އޮތް މުއްދަތާ އަޅައި ބަލާއިރު، 2040 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުން އަހަރަކު ގާތްގަނޑަކަށް 576 މިލިއަން ޑޮލަރު ގެއްލިގެންދާނެ ކަމަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ހޫނުގަދަވުމުގެ ސަބަބުން 13 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތުގެ ވަގުތާއި އުފެއްދުންތެރިކަމަށް އިތުރު ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ސްރީލަންކާއަށް ބަލާއިރު، 2040 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ އުފެއްދުންތެރިކަމުން އަހަރަކު ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އައިއެލްއޯއިން ލަފާކުރެއެވެ. މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން 15 އިންސައްތައާއި 18 އިންސައްތައާ ދެމެދަށް ދަށްވެފައިވާ ކަމަށް އެ ޖަމިއްޔާގެ ރިޕޯޓުގައިވެއެވެ.

މި ނުރައްކާތަކުން މަސައްކަތްތެރިން ރައްކާތެރިކުރުމަށްޓަކައި، އައިއެލްއޯގެ ލަފަޔާ އެއްގޮތަށް ގައުމީ ފެންވަރުގެ ހޫނުން ރައްކާތެރިވުމުގެ އުސޫލުތަކެއް އެކުލަވައިލުމަށް އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް އިރުޝާދު ދީފައެވެ.

އައިއެލްއޯގެ ރިޕޯޓުގައި ހުށަހަޅާފައިވާ މައިގަނޑު ފިޔަވަޅުތަކުގެ ތެރޭގައި، ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި މަސައްކަތް ނުކުރާ ގޮތަށް ގަޑިތަކަށް ބަދަލުގެނައުމާއި، މަސައްކަތުގެ ތެރެއިން އެކަށީގެންވާ ވަރަށް އަރާމު ކުރާނެ ވަގުތު ދިނުމާއި، މަސައްކަތްކުރާ ތަންތަނުގައި ހިޔާލިބޭނެ އިންތިޒާމާއި ފިނިކުރެވޭނެ ވަސީލަތްތަކާއި ބޯފެން ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ހޫނުމިން ދެނެގަންނާނެ ނިޒާމުތަކާއި ސަލާމަތާއި ސިއްހަތުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ހޫނުގެ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އާމްދަނީއަށް އަސަރުކޮށްފާނެތީ މަސައްކަތުގެ ވަގުތު މަދުކުރެވެން ނެތް ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް އެ ޖަމިއްޔާއިން ވަނީ ލަފާދީފައެވެ.