ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު، މިވަގުތު ހުރިހާ ގައުމަކުންވެސް ކުރިއެރުންތައް ހޯދާފައި އޮތުމުން އެ ތަފާތު މުބާރާތުން ފެންނާނެ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
މީގެ ކުރިންވެސް ރާއްޖެއަށް ކޯޗުކަން ކޮށްދީ، ދިވެހި ފުޓުބޯޅަ ރަނގަޅަށް ދަންނަ އުރުބާނީ މިފަހަރު ގައުމީ ޓީމާ ހަވާލުވިފަހުން މިހާތަނަށް އަދި ޓީމަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ ކައިރިން ހޯދި މޮޅެވެ. މިހާތަނަށް އުރުބާނީ 20 އަހަރުން ދަށު ޓީމަށްވެސް އިރުޝާދު ދީފައިވާ އިރު، ޖުމުލަ 10 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ. އެއީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ. ރާއްޖޭގެ ދެވަނަ މެޗު، 11 ނޮވެމްބަރު މެންދުރު ފަހު ރާއްޖެ ގަޑިން 2:30 ގައި އޮންނާނީ އިންޑިއާއާ ދެކޮޅަށެވެ. ރާއްޖޭ ގްރޫޕްގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ.
"ރީޖަނަލް ޓީމުތަކުން މިހާރު ދަނީ ފުޓުބޯޅައިގައި ވަރަށް ބޮޑަށް ތައްޔާރުވަމުން. މިސާލަކަށް ބަންގްލަދޭޝް، ޕާކިސްތާނާއި ބޫޓާނަށް ބަލާލިޔަސް، އެޓީމުތައް ދަނީ ސަރަހައްދީ ފުޓުބޯޅައިގައި ތައްޔާރުވަމުން،" ޕީއެސްއެމްގެ "ފޯރި" ޕްރޮގްރާމަށް ދިން ހާއްސަ އިންޓަވިއުއެއްގައި އުރުބާނީ ބުންޏެވެ.
އުރުބާނީ އެ އިންޓަވިއުގައިވެސް ބުނި އެއް ވާހަކައަކީ ރާއްޖެ އައީ އަލުން ގައުމީ ޓީމެއް ބިނާކުރުމަށް ކަމަށާއި، ޒުވާން ގައުމީ ޓީމާއެކު މަސައްކަތް ކުރި އެއް ސަބަބަކީވެސް އެއީ ކަމަށެވެ. އުރުބާނީ ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމާއެކުވެސް މަސައްކަތް ކޮށްފައެވެ. އެ މަސައްކަތާއެކުވެސް ސާފް ޗެމްޕިއަންޝިޕަކީ ސަޕޯޓަރުންގެ ޑިމާންޑެއް އޮންނަ މުބާރާތަށްވުމާއެކު އެ މުބާރާތަށް ތަޖުރިބާގެ ބޭނުންކުރަން ޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"އެފްއޭއެމް ރައީސް ގުޅީމަ އަހަރެން އެނބުރި އައި އެއް ސަބަބަކީ އާ ޖީލެއް ބިނާކުރަން. އާ ގައުމީ ޓީމެއް ބިނާކުރަން. ޒުވާން ކުޅުންތެރިންނަށް ފޯކަސް ކުރަން. އެކަމަކުވެސް މުބާރާތަކަށް، ހާއްސަކޮށް ސާފް ކަހަލަ މުބާރާތަށްދާ އިރު، ބެލެންސެއް ގެންގުޅެން ޖެހޭ. ތަޖުރިބާ ބޭނުންކުރަން ޖެހޭ. ދެން ދިވެހި ލީގަށް ބަލާއިރުވެސް ފެންނާނެ އެ ތަޖުރިބާކާރު ކުޅުންތެރިން ޓީމަށް މުހިއްމު ވަގުތުގައި ތަފާތު ދައްކަމުންދާތަން،" އުރުބާނީ ބުންޏެވެ.
އުރުބާނީ އަލީ އަޝްފާގު (ދަގަނޑޭ) އަށް އިހުތިރާމުކުރަމުން ބުނީ މިފަހަރު އޭނާ ސްކޮޑުގައި ނުހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން އުރުބާނީ ފާހަގަކުރީ ޓީމު އިންޑޮނޭޝިއާއަށް އިއްޔެ ދިޔަ އިރު، އެ ކޭމްޕްގައި ދެމެޗު ކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ކޭމްޕަށް ނުދެވޭތީ އެއީ ކަންބޮޑުވުމެއް ކަމަށްވެސް އުރުބާނީ ފާހަގަކުރިއެވެ.
އުރުބާނީ ބުނީ ފުޓުބޯޅަ ރާއްޖޭގައި ހުއްޓިފައި އޮވެފައި އަލުން އެނބުރި އައުމުން މިހާރު ތިބި ކުޅުންތެރިންގެ ތެރޭގައި 23 ނޫނީ 24 އަހަރުގެ ކުޅުންތެރިން މަދު ކަމަށެވެ. އެއީ އެ ދޭތެރެއިން ކުޅުންތެރިންނަށް ފުރުސަތު ގެއްލުމުން ކަމަށެވެ.
"ރާއްޖޭގެ ފުޓުބޯޅައަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ ކުޅުންތެރިން މަދުވުން. ދެން އެހެން ގައުމުތަކުން، މިސާލަކަށް ޕާކިސްތާނާއި ބަންގްލަދޭޝްއިންވެސް އެގައުމަށް ނިސްބަތްވާ ކުޅުންތެރިން އެހެން ގައުމުތަކުން މި ގެންނަނީ. އެކަމަކު އަހަރެމެން ރާއްޖޭގެ ވިސްނުން ތަފާތު. އަހަރެމެންގެ ވިސްނުމަކީ ދިވެހި ލީގު ވަރުގަދަވެ، ސަޕޯޓަރުން މި ފުޓުބޯޅައިގެ ތެރެއަށް ގެނައުން. ގައުމީ ޓީމު އަލުން ވަރުގަދަ ވާނީ ލީގު މެޗުތަކަށްވެސް ސަޕޯޓަރުން އައިސްގެން. ދެން ރަށްރަށުގެ ޓީމުތައް މީގެ ތެރެއަށް އައިސް މަޑުމަޑުން އުފާވެރި މަންޒަރުތަކެއް އެބަފެނޭ،"
އުރުބާނީ އިތުރަށް ބުނީ ރާއްޖޭ ފުޓުބޯޅައިގެ އައިޑެންޓިޓީއެއް އަލުން ބިނާކުރަން ޖެހިފައިވާ ކަމަށާއި، އެއީ ކުރިންވެސް އޭނާ ކުރި މަސައްކަތް ކަމަށެވެ. އަދި ކުރިން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅަށް ފެނުނު ކަމަށްވެސް އުރުބާނީ ފާހަގަކުރިއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް