ބުރު ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ހަމްދާން، ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުގައި ހިމެނި، ޓީމުން މިއަދު އިންޑޮނޭޝިއާއަށް ފުރައިފިއެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރުވާން ފެށުމުގެ ގޮތުން މިފަހަރު ކޭމްޕް ކުރަން ނިންމާފައި ވަނީ އިންޑޮނޭޝިއާގައެވެ. އިންޑޮނޭޝިއާގައި ވާދަވެރި ދެމެޗެއް ކުޅެންވެސް ރާވާފައިވާ އިރު، ޓީމު ފުރީ މިއަދު ހެނދުނުއެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ، ރާއްޖޭގެ އިތުރުން ޕާކިސްތާނަކީ އެއް ގްރޫޕެކެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން އިންޑޮނޭޝިއާގައި ކޭމްޕް ކުރާނީ މާދަމާއިން ފެށިގެން ނޮވެމްބަރު މަހު ދެވަނަ ދުވަހަށެވެ. އެއަށްފަހު ޓީމުން ބަންގްލަދޭޝްއަށް ފުރަން ނިންމާފައި ވަނީ ރާއްޖެ އައުމަށްފަހުއެވެ.

މިއަދު އިންޑޮނޭޝިއާއަށް ދިޔަ ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އޭގެ ތެރެއިން މުޅިން އަލަށް ޓީމުގައި ހިމެނުނީ ބުރު ސްޕޯޓްސް ކްލަބުގެ ކެޕްޓަން ހަމްދާނެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށްވެސް ކުޅެފައެވެ. އަދި ބުރާއެކު މިހާތަނަށް ލީގުގައި ރަނގަޅު ލީޑާޝިޕެއް ހަމްދާންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.

މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި މުހައްމަދު އިލާން އިމްރާންއާއި ހައިޝަމް ހަސަން (ބިޑި) ހިމެނިފައި ނުވަނީ އަދި އެއްކޮށް އަނިޔާއިން ރަނގަޅު ނުވާތީއެވެ. އެހެންނަމަވެސް ސާފަށް ދިޔުމުގެ ކުރިން އެ ދެކުޅުންތެރިންގެ އަދާހަމަ ބަލައި، ޓީމުގައި ހިމެނުމަށް ފުރުސަތު އެބައޮތެވެ.

https://www.facebook.com/photo/?fbid=122225894186577279&set=a.122101471532577279