ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި މިއަދު އިންޑިއާ ކައިރިން ބަލިވި މެޗުގައި ފުރަތަމަ ފެނުނީ ކަންނެތް ހާފެއް ކަމަށާއި، ދެން އަނެއް ހާފުގައި ކުރި މަސައްކަތުން ފެނުނީ ކުރިމަގަށް އުންމީދު ކަމަށް ކޯޗު ގެރީ ފިލިޕްސް ބުނެފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާއިން ބޫޓާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ގެރީ ބުނީ ފުރަތަމަ ހާފުން ފެނުނނީ ކަންނެތްކަން ކަމަށެވެ. އެ ހާފުގައި ފަރުވާކުޑަކަން ފެނުނު ނަމަވެސް، ދެވަނަ ހާފުގައި ފެނުނު މަންޒަރުން އުންމީދު އެބައޮތް ކަމަށްވެސް ގެރީ ބުންޏެވެ.

"އެންމެ ފުރަތަމަވެސް އިންޑިއާއަށް މަރުހަބާ. އެޓީމަށް ހައްގު ފައިނަލަށް ދާން. އެއީ 2-1 އިން މޮޅުވީމަ. އަހަރެމެންގެ ފުރަތަމަ ހާފު ފެނުނީ ކަންނެތް، ފަރުވާކުޑަ ހާފެއްގެ ގޮތުގައި. ދެވަނަ ހާފުގައި އަހަރެމެން ޓީމުން މަސައްކަތް ފެނުނި. އަހަރެމެންގެ ކުޅުންތެރިން ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ތިބެފައި އައިސް މި މުބާރާތުގައި، މި ބޮޑު ސްޓޭޑިއަމްގައި، ތަފާތު މާހައުލެއްގައި ދެއްކި ކުޅުމަށް ފަހުރުވެރިވަން. އަހަރެމެންނަށް ލިބުނު ފުރުސަތުތައްވެސް،" އޭނާ ބުންޏެވެ.

މިއަދުގެ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައިވެސް މެޗު އެއްވަރުކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ކޯޗު ގެރީ ބުނީ އެންމެ ފަހު ކަށިގަނޑާ ޖެހެންދެން ހިތްވަރު ކުރެވުނު ކަމަށާއި، އިންޑިއާގެ ކޮންމެ ޓީމަކާ ކުޅެވެސް އެ ހިތްވަރު ކުރެވުން އެއީ ބޫޓާނަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ބޫޓާނަކީ އަށް ލައްކައެއްހާ މީހުން ދިރިއުޅޭ ގައުމެއް. އަހަރެމެން މި ވާދަކުރީ 1.5 ބިލިއަން މީހުންގެ އާބާދީއަކުން ނަގައިގެން އައި ޓީމަކާ،" ގެރީ މިއަދުވެސް ދެޓީމުގެ ފަރަގު ފާހަގަކޮށް ބުންޏެވެ. އޭނާ ބުނީ ދެގައުމުގެ ވަސީލަތްތަކުވެސް ތަފާތު ހުންނާނެ ކަމަށާއި، އެ ތަފާތު ޓީމުން ފެންނާނެ ކަމަށެވެ.

"އަހަރެން ގައުމީ ޓީމާ ހަވާލުވި ހިސާބުންވެސް ލީގު ކުރިއަށްދާތީ ގައުމީ ޓީމާއެކު މަސައްކަތް ކުރަން ވަގުތެއް ނުލިބޭ. ބޫޓާންގެ ލީގު ބަލަން އިންނަން އަހަންނަށް ޖެހުނީ. ކަން ދިމާކުރި ގޮތުން އެއީ ވަރަށް އަވަރެޖް ލީގެއް. އެހެން ގައުމުތަކުގެ މި ލީގުތަކާ ބަލާފައި. މިއީ އަހަރެންގެ ތިންވަނަ މެޗު، އަހަރެން ވަރަށް ބޮޑަށް ޔަގީންކަން ދެން އިތުރު ވަގުތު ޓީމާއެކު ލިބުނު ނަމަ، އަދި މިއަށްވުރެވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަން،" ގައުމީ ޓީމުގެ ކުޅުން މިހާރަށްވުރެވެސް ރަނގަޅު ކުރާނެ ކަމަށް ބުނެ ގެރީ ބުންޏެވެ.

ގެރީ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މުޅި މުބާރާތުގައި އެ ޓެކްނޮލޮޖީ ބޭނުންކުރި ނަމަ، މިހާރަށްވުރެވެސް ފުރިހަމަވީސް ކަމަށެވެ. އަދި ދެން ސާފްގެ ސެމީއާ ހަމައަށް އަންނަން ކިހާ ބޮޑު ޗެލެންޖަކަށްވާނެތޯ އެހުމުން އޭނާ ބުނީ، ފައިނަލް އޮތީ ދުރުގައި ނަމަވެސް، އެކަމަށް މަސައްކަތް ކޮށް ބޫޓާނަށް ޓާގެޓް ހާސިލުކުރެވިދާނެ ކަމަށެވެ.

މިއީ ބޫޓާނުން ސާފްގެ ތާރީހުގައިވެސް ސެމީގައި ވާދަކުރި ދެވަނަ ފަހަރެވެ. 2008 ވަނަ އަހަރު ސާފްގެ ސެމީގައި ވާދަކުރުމަށްފަހު ބޫޓާނުން މިފަހަރުވެސް ސެމީގައި ވާދަކުރި އިރު، އެޓީމުން ކެޓީ ހަނިގޮތަކަށެވެ. ގެރީ ބޫޓާނާ ހަވާލުވީ އޮގަސްޓް މަހުއެވެ. އޭގެފަހުން ގައުމީ ޓީމުގެ މެޗެއް ނުކުޅެ ސާފާ ހަމައަށް އައިސް ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.