ލ. ގަމާއި ފޮނަދޫއާއި ގުޅިފައިވާ ކައްދޫގައި ކަފިހިހުރަހެއް މަތިން ހިނގާފައި ދިޔަ، ދެ މީހެއްގެ ގައިގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ސައިކަލު ދުއްވަން އިން ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާނަށް ޖަލު އަދަބު ކަނޑައަޅައި 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ 19:18 އެހާކަންހާއިރު، ލާމު ލިންކް ރޯޑުން ދެކުނުން އުތުރަށް ނައުސާން ސައިކަލު ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގައި އޮންނަ ކަފިހިހުރަހުން މަގު ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ހިންގި އެކްސިޑެންޓަކާ ގުޅޭ މައްސަލައެކެވެ.

އޭނާ އެ ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، އިތުރު މީހަކު ފަހަތަށް އަރުވައިގެން ބާރު ސްޕީޑުގައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ލ. މާވަށް، އެތުމާ، މަރްޔަމް މޫސާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. މީގެ އިތުރުން، މަގު ހުރަސް ކުރި އއ. ހިމަންދޫ، ގަލްފް، އަބްދުއްސަލާމް ހުސައިންގެ ގައިގައި ސައިކަލުން ޖެހި އޭނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

މި މައްސަލައިގައި، ނައުޝާންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާއަށްވެސް ނަައުޝާން ވަނީ އިއުތިރާފު ވެ، ދައުލަތާއެކުގައި އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، މަރްޔަމް މޫސާ މަރުވިއިރު، އޭނާގެ ނުވަ ވާރިސުންވެސް މަރުގެ ދިޔައިން އެ މީހަކަށް ހައްގުވާ މިންވަރު ބޭނުންވާ ކަމަށެވެ.

އަދަބު ކަނޑައެޅި ގޮތް

  • މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ (ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް - ބަންދުގައި އެއް އަހަރާއި ދެ މަހާއި ދިހަ ދުވަސް ހޭދަކޮށްފައިވާތީ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު ހުކުމެއް)
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ (ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް)

މީގެ އިތުރުން މީހަކު މަރުވުމުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ނައުޝާންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށްވެސް ނައުޝާނަށް ކުރި ހުކުމުގައިވެއެވެ.