ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި އެވެ.

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފައްޓަވައިދެއްވީ އެ އަތޮޅު ފޮނަދޫގައި އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

އެ ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނާ ކުމާރު ގޯރަވްއާއި، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއާއި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި، ލ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން މުހައްމަދު އަފީފް ހުސައިނާއި، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ލ. އަތޮޅަށް އާރްޓީއެލް ފެރީގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދެ ރޫޓަކުންނެވެ. އާރްޓީއެލް ފެރީގައި ލ. އަތޮޅުގެ ރަށްތަކަށް ހިލޭ ޓްރަޔަލް ޕީރިއަޑް މިއަދުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ލިބޭނެ ކަމަށެވެ.

މި މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.