ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ބ. ގޮއިދުއާއި ލ. ފޮނަދޫ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފޮނަދުއާއި ވ. ފެލިދޫގެ އިތުރުން ދެން ހިމެނެނީ ހދ. ހަނިމާދުއާއި ކ. މާފުއްޓެވެ. ގްރޫޕް ބީގައި ގޮއިދޫގެ އިތުރުން ދެން ހިމެނެނީ ތ. ހިރިލަންދުއާއި ކ. ތުލުސްދުއެވެ.

ފޮނަދޫން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މާފުށި ކައިރިން ސީދާ ތިން ސެޓުން މޮޅުވި އިރު، އިއްޔެ އެޓީމުން ނުކުތީ ހދ. ހަނިމާދުއާ ދެކޮޅަށެވެ. ހަނިމަދޫން ކުޅުނު ފުރަތަމަ މެޗުގައި ފެލިދޫ އަތުން ބަލިވެފައި އޮތުމުން، އިއްޔެގެ މެޗު އެޓީމަށް އޮތީ މަޖުބޫރުވެފައެވެ.

މެޗުގެ ފުރަތަމަ ސެޓު 25-22 އިން ހަނިމާދޫ ގެންދިޔަ ނަމަވެސް، ދެން ކުޅުނު ތިން ސެޓުގައިވެސް ފޮނަދޫ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. އެޓީމުން ވަނީ 23-25، 20-25 ގެ އިތުރުން 16-25 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފޮނަދޫގެ ޕާކިސްތާން ކުޅުންތެރިޔާ ފަހަދް ރަޒާއެވެ.

ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގައި ފޮނަދޫން އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޮ/ ހަމްދާން އަހުމަދު

ގޮއިދޫން ރޭ ދެވަނަ މޮޅެއް ހޯދި އިރު، އެޓީމުން ހިރިލަންދުއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި އޮތީ ފަސް ސެޓަށް ގޮސްގެންނެވެ. އަދި ރޭ ކުޅުނު މެޗުގައި ތުލުސްދޫ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ، 25-14، 30-28 އަދި 25-22 އިންނެވެ.

ސްރީ ލަންކާގެ ކޯޗު، ޖަޔަސޭކަރަ ޗަންނަގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ، ގޮއިދުއަށް ރޭ އެންމެ މޮޅަށް ކުޅުނީ ޝަމާއިލް ހުސެއިނެވެ.

ރާއްޖެ ސުޕަ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ވ. ފެލިދޫން ބައްދަލުކުރާނީ މާފުށްޓާއެވެ. ފެލިދޫން ވަނީ ފުރަތަމަ މެޗުގައި ހަނިމާދޫ ބަލިކޮށްފައެވެ. މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި، މާފުށްޓަށް މެޗުން މޮޅެއް ހޯދުން މަޖުބޫރެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ހިރިލަންދޫއާއި ތުލުސްދޫ ބައްދަލުކުރާ އިރު، މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭނެއެވެ.