ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ހޯސްޓް ބަންގްލަދޭޝްއިން ކުޅޭ ފުރަތަމަ މެޗު އެޓީމުގެ ތަރި ހަމްޒާ ޗޯދުރީއަށް ގެއްލޭނެ ކަމަށް ކޯޗު ތޯމަސް ޑޫލީ ބުނެފިއެވެ.

ބަންގްލަދޭޝްއިން މިއަހަރު އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޓާގެޓް ކަނޑައަޅާފައިވާ އިރު، ބަންގްލަދޭޝްއިން މި ފަހަކަށް އައިސް އެގައުމަށް ނިސްބަތްވާ އާއިލާތަކުގެ ކުޅުންތެރިން ނެޗުރަލައިސްކޮށްގެން ގައުމީ ޓީމަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކުރިން ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަމްޒާއެވެ. ހަމްޒާއަކީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕެއްގައި ފެނިގެންދާނެ އެންމެ ތަޖުރިބާކާރު، އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ހަމްޒާ މިހާރުވެސް ކުޅެމުން ދަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށެވެ.

"ހަމްޒާ ޓީމާ ގުޅެން ނިންމާފައި ވަނީ ނޮވެމްބަރު ނުވަވަނަ ދުވަހު. އަދި އޭގެ އިތުރުން ފަރްހާންވެސް އަންނާނީ އެ ދުވަހު. އެހެންވީމަ އެ ދެކުޅުންތެރިންނަށްވެސް ކުޅެވޭނީ ދެވަނަ މެޗުގައި،" ޑޫލީ ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ފަރްހާން އަލީ ވަހީދަކީ އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމް ވުޑަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. އެއީ ފުލަމްގެ ލޯނެއްގައެވެ. ޑޫލީ ބުނީ އެ ދެކުޅުންތެރިންނަށްވެސް ސާފް ޗެމްޕިއަންޝިޕް ފަށަންވާއިރަށް ޓީމަށް ނާދެވެނީ އިންޓަނޭޝަނަލް ބްރޭކް ރަސްމީކޮށް ފަށަނީ މުބާރާތުގެ ތެރެއިން ކަމަށްވާތީ ކަމަށެވެ. އިނގިރޭސި ކްލަބުތަކުން ކުޅުންތެރިން ދޫކުރަނީ ސީދާ އިންޓަނޭޝަނަލް ބްރޭކަށެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ބަންގްލަދޭޝްއާއި ސްރީ ލަންކާ އަދި ބޫޓާންވެސް އެއް ގްރޫޕެއްގައި ހިމެނޭ އިރު، ބަންގްލަދޭޝްގެ ފުރަތަމަ މެޗު އޮންނާނީ ފަސްވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށެވެ. އޭގެފަހުން ދެން ކުޅޭ ގްރޫޕް ސްޓޭޖު މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ 11 ނޮވެމްބަރު ގައެވެ.