ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަދު ކުޅުނު މެޗުގައި ކްލަބު އީގަލްސް ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
ނިއު ރޭޑިއަންޓުން މިއަދު ކުޅުނު މެޗު 7-1 އިން ކާމިޔާބުކޮށްފައިވާ އިރު، މިއީ މި ސީޒަނުގައި އީގަލްސް ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ ފަސް މެޗުން 13 ޕޮއިންޓެވެ. އީގަލްސް އަދިވެސް އޮތީ ތިންވަނައިގައެވެ. އެއީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. ނިއު ރޭޑިއަންޓަށް އެ އަދަދަށް ޕޮއިންޓް ލިބި، ފައިދާ ނުވަ ގޯލް އެބައޮތެވެ. އީގަލްސް އަތުގައި އޮތީ ފައިދާ އެއް ގޯލެވެ.
މެޗުގެ އަށްވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ލީޑު ނެގިއެވެ. ފޯމު ރަނގަޅަށް ފެށި ނިއު ރޭޑިއަންޓަށް ފުރަތަމަ ގޯލް ޖަހައިދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. އެއީ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) ދުއްވާލި ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅައެއްގައި ޖަހައިދިން ގޯލެކެވެ.
ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުން އިތުރު ދެ ގޯލެއް ޖެހިއެވެ. އެޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ ސެންޓޭ ޕެނަލްޓީއެއްގައެވެ. މެޗުގެ 21 ވަނަ މިނެޓުގަގުގައި ނިއު ރޭޑިއަންޓަށް ޕެނަލްޓީ ލިބުނީ އަލީ އަޝްފާގު (ދަގަނޑޭ) ބޯޅައާއެކު ކުރިއަށް ދިޔަ ވަގުތު އީގަލްސް ޑިފެންޑަރު ވިޝާހް އަބްދުލް މަޖީދު ކުރި ފައުލަކަށެވެ. ތިންވަނަ ގޯލް، ހާފު ނިމެން ދަނިކޮށް ޖަހައިދިނީވެސް ޑޯރީއެވެ. އެއީ ދަގަނޑޭ ނަގައިދިން ހުރަހެއްގައި ޖަހައިދިން ގޯލެކެވެ. އެއީ ސީޒަނުގައި ޑޯރީ ޖެހި 14 ވަނަ ގޯލެވެ.
ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކުރީ ނިއު ރޭޑިއަންޓުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އިބްރާހީމް މައިސާން (މައި) ގޯލް ޖަހައިދިނީ ސެންޓޭ އުފައްދަން މަސައްކަތް ކުރި ހަމަލާއެއްގެ ތެރެއިން ލިބުނު ރިބައުންސް ބޯޅައެއްގައި ދުރުން ފޮނުވާލި ބޯޅައަކުންނެވެ. ނިއު ރޭޑިއަންޓުން ޔަގީންކަމާއެކު ކުޅެމުން ދިޔަ މެޗުގެ 67 ވަނަ މިނެޓުގައި ސެންޓޭ އިތުރު ގޯލެއް ޖެހި އިރު، 77 ވަނަ މިނެޓުގައި އަބްދުލާއީ ބިލިޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއްގައި ނިއު ރޭޑިއަންޓުން ހަވަނަ ގޯލެއްވެސް ޖެހިއެވެ.
އީގަލްސްގެ ހަމައެކަނި ގޯލް އާމިރް ޝޮއެބް އެލްސަޑެކް މުހައްމަދު ޖަހައިދިން އިރު، ނިއު ރޭޑިއަންޓްގެ ހަތްވަނަ ގޯލް ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް