ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިދިޔަ ސީޒަނަށް އަލަށް ޕްރިމިއާ ލީގުގައި ވާދަކުރަން ފެށި އޮޑި ކައިރިން މިރޭ ވިކްޓްރީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ވިކްޓްރީން އޮޑި ކައިރިން ހޯދި ފުރަތަމަ މޮޅެވެ. މި ސީޒަނުގެ މިހާތަނަށް ވިކްޓްރީ އަދި ބަލިވެފައި ނުވާ އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން އެއްވަރުވި މެޗު ފިޔަވާ އެހެން މެޗެއްގައި އަދި އެޓީމަށް ޕޮއިންޓް ގެއްލިފައެއް ނުވެއެވެ.
ވިކްޓްރީއަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ގާތުން މިވަގުތު ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ ފަސް މެޗުން 11 ޕޮއިންޓެވެ. މިދިޔަ ސީޒަނުގެ ދެވަނައިގައި ނިންމާލި އޮޑި ސްޕޯޓްސް ކްލަބު އޮތީ ފަސްވަނައިގައެވެ. އެއީ ހަ މެޗުން އަށް ޕޮއިންޓާއެކުގައެވެ.
މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރަނގަޅަށް ސީޒަނަށް ތައްޔާރުވި ވިކްޓްރީން މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލްވެސް ޖެހިއެވެ. ފުރަތަމަ ގޯލް، 21 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ކުރު ޕާހަކުން ކޯނަރު ފަށައި، މިރްޖަލޯލް ކަސިމޯވް ކެންޒަޔެވިޗް އޭރިއާ ތެރެއަށް ތިރިތިރިން ނަގައިދިން ބޯޅަ ރިޒޭ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
ދެވަނަ ގޯލް މެޗުގެ 32 ވަނަ މިނެޓުގައި ރިޒޭގެ ފަރާތުން ދެން ފެނިގެން ދިޔައީ ވަރަށް ހިތްގައިމު ގޯލެކެވެ. ނާއިޒް ހަސަން (ދާދު) އަރިމައްޗަށް ބައިދާލަ ދިން ބޯޅަ، ރިޒޭ އޭރިއާ ބޭރުން އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.
އޭގެފަހުން ފުރަތަމަ ހާފުގެ ފަހުކޮޅުގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ގެރޯ އަލްހާޖީއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، އޮޑީގެ މުހައްމަދު ސަހާއު (ބޭލް) ގެ ހަމަލާއެއް ސީދާ ވިކްޓްރީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތަށް އަމާޒުވިއެވެ. އަދި މުހައްމަދު ސާމިރުގެ ހިލޭ ޖެހުންވެސް އަމާޒުވީ ޗެކް އަތަށެވެ.
މެޗުގެ ފަހުކޮޅުގައި ރިޒޭ ވަނީ ހެޓްރިކަކާވެސް ގާތަށް ޖެހިލައިފައެވެ. އޭނާގެ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް