ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ފަސްވަނައަށް ޖެހިލައިފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗަކީ ބޯ ވާރޭގައި ބޮޑުބައެއް ކުޅުނު މެޗެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ތެރެއިން 10 ވަރަކަށް މިނެޓަށް މެޗު ހުއްޓާލަންވެސް ޖެހިފައިވެއެވެ. އެއީ ބޯ ވާރޭގެ ސަބަބުންނެވެ. މެޗު 2-1 އިން ބިސް ބުރުން ކާމިޔާބުކޮށް، އެޓީމުގެ ތިންވަނަ މޮޅު ހޯދި އިރު، މިހާތަނަށް ބިސް ބުރަށް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ޓީސީއަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
މިއަދު މެޗުގެ ކުރީކޮޅުގައި ބިސް ބުރުން ވަނީ ފުލުފުލުގައި ކަހަލަ ގޮތަކަށް ދެ ގޯލް ޖަހައިފައެވެ. އެގޮތުން 11 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލް ޖަހައިދިނީ ކުރިން ފުރަތަމަ ޑިވިޝަނުގެ އެހެން ކްލަބުތަކުންވެސް ފެނިފައިވާ އިބްރާހީމް އަތީގް ހަސަނެވެ. އޭނާ ގޯލް ޖަހައިދިނީ އަރެމޫ ޓިމޮތީ އޮލުވެސޯން މެދުތެރެއިން ދުއްވާލި ބޯޅައެއްގައި، އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްލައިގެންނެވެ.
އޭގެ ތިން މިނެޓް ފަހުން މުހައްމަދު ޒިދާން އީސާ ބިސް ބުރަށް ދެވަނަ ގޯލް ޖަހައިދިނެވެ. އޭރިއާ ތެރެއަށް ވަދެ، ކީޕަރުގެ ހަނި ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލާއެކު ބިސް ބުރުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން މެދުކަނޑާލަން ޖެހުނު އިރު، ދެވަނަ ހާފު ފެށިގެން ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި ޓީސީން ގޯލެއް ޖެހިއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ހަސަން އީނާޒް ޖެހި އެ ގޯލާއެކު ޓީސީން މެޗު އެއްވަރުކުރަން އިތުރަށް މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް ލިބުނު ފަޅި ފުރުސަތުތަކުގައި ބޭނުންކުރެވޭ ގޮތެއް ނުވިއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް