ސްޕޭނުގެ މެދުތެރޭ ސަރަހައްދުގައި އިއްޔެ ހައިސްޕީޑް ދެ ރޭލު ޖެހި، މަދުވެގެން 68 މީހަކު މަރުވެއްޖެއެވެ.
ކަސްޓިލާ-ލާ މަންޗާގެ ސަރަހައްދީ ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މަޑުކޮށްފައި އޮތް ރޭލުން މަރުވި 44 މީހުންނާއި ދުއްވަމުން ދިޔަ ހައިސްޕީޑް ރޭލުން މަރުވި 24 މީހުންނެވެ. މީގެ އިތުރުން، މި އެކްސިޑެންޓުގައި 58 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ސަރަހައްދީ ސަރުކާރުން ބުންޏެވެ.
މި އެކްސިޑެންޓު ހިނގީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މެޑްރިޑުގެ ދެކުނުން އޮންނަ ޓޮލޭޑޯ ޕްރޮވިންސުގެ އުރުދާ ކައިރީގައި، މެޑްރިޑާއި ސެވިލް ގުޅުވައިދޭ ހައިސްޕީޑް ރޭލު މަގުގައެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ރޭލުގައި ޖުމްލަ 544 ފަސިންޖަރުން ތިބިއިރު، ދައުލަތުގެ ރެންފޭ ކުންފުނިން ދުއްވި ރޭލު މަޑުކޮށްފައި އޮތް އީރިޔޯ ރޭލުގެ ފަހަތުގައި ޖެހުމުގެ ސަބަބުން ދެ ރޭލު ވަނީ ދަގަނޑުމަތިން ކައްސާލާފައެވެ. މި ހާދިސާއާ ގުޅިގެން މެޑްރިޑާއި ސެވިލްއާދެމެދުގެ ރޭލު ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.
އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޭނުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވީ، މައި އެލްޒެޑްބީ ސިގްނަލް ނިޒާމުގެ ކޮމްޕިއުޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އުރުދާ ސަރަހައްދުގައި ހަ ރޭލެއް އޮޓޮމެޓިކުން ހުއްޓުނު ކަމަށެވެ. ނަމަވެސް ރަތް ސިގްނަލް ދިއްލިފައި ހުއްޓައި، ހެނދުނު 8:36 އާއި 8:52 އާ ދެމެދު ދުވެލި މަޑުކުރުމަކާ ނުލައި އާދައިގެ މަތިން ދަތުރު ކުރިއަށް ގެންދިއުމުގެ ހުއްދަ ރެންފޭ ރޭލަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑޮއިޗަރ ވެލާ (ޑީޑަބްލިއު)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސީދާ ސަބަބު ސަރުކާރުގެ އޮފިޝަލުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ރެންފޭއާއި އީރިޔޯ ކުންފުނިން ވެސް ހާދިސާގެ ސަބަބާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން
ކޮމެންޓް