ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްއެމް)ގެ ސޭލްްސް އެންޑް މާކެޓިން މެނޭޖަރު ކަމުގެ މަގާމު އަދާކުރަމުންދަނިކޮށް މަގާމު ދަށްކޮށް، މއ.ކޫލްސްޓޯން އިބްރާހިމް އިރުފާން ރަޝީދަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ މުސާރައިން އުނިކުރި ބައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ، އިބްރާހިމް އިރުފާން ރަޝީދު އެފްއެސްއެމްގެ ސޭލްްސް އެންޑް މާކެޓިން މެނޭޖަރުކަމުގެ މަގާމު އަދާކުރަމުން ދަނިކޮށް އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މަގާމު ދަށްކޮށް އޭނާ މަސައްކަތްކުރަމުންގެންދިޔަ ޑިޕާޓްމަންޓް ބަދަލުކުރުމާ ގުލިގެން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ، އިސްލާހީ ފިޔަވަޅުތައް އަޅާފައިވަނީ އެކަށީގެންވާ ހަމައަކުން ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ. އަދި ޓްރައިބިއުނަލުން މި މައްސަލަ ނިންމުމާ ހަމައަށް ވޭތުވާ މުއްދަތުގައި ވަޒީފާގެ ކުރިއެރުން ހައްގުވާނަމަ އެ ކުރިއެރުމަކީ އޭނާ ސޭލްްސް އެންޑް މާކެޓިން މެނޭޖަރުކަމުގެ މަގާމުގައި ހުރެ ލިބޭ ކުރިއެރުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށްވެސް އެދުނެވެ.

އޭގެ އިތުރުން، އޭނާ ވަޒީފާ އަދާކުރާތަން ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން މާލެއިން ތިލަފުއްޓަށް އަދި ތިލަފުށިން މާލެއަށް ކޮންމެ ހަފްތާއަކު ހަ ދުވަހު، ކޮންމެ ދުވަަހަކު ދެ ފަހަރު ދަތުރުކުރަންޖެހުމާ ގުޅިގެން ހަރަދު ނަގައިދިނުމަށާއި ކުއްލި ގޮތަކަށް އޭނާއަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ސަބަބުން ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން ޖެހިފައިވުމާއި، އޭނާއަށް ލިބުނު ނަފްސާނީ ގެއްލުމާއި، އިސްލާހީ ފިޔަވަޅުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ޓްރައިބިއުނަލަށް ފެންނަ އަދުލުވެރި ބަދަލެއް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން އޭނާއާ މެދު ބޭއިންސާފުން އަމަލުކުރުމުގެ ސަބަބުން ގެއްލިފައިވާ ހައްގު ހޯދުމަށްޓަކައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދަން ޖެހުމާ ގުޅިގެން ވަކީލު ފީގެ ހަރަދު ނަގައިދިނުމަށް އެފްއެސްއެމްއަށް އަމުރުކޮށްދިނުމަށް ވެސް އެދުނެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމާފައިވަނީ، އޭނާއާ މެދު އެފްއެސްއެމް އިން އަޅާފައިވާ ފިޔަވަޅަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އެ ފިޔަވަޅު އެޅި ލިޔުންތަަކަކީ ބާތިލު ލިއުންތަކެއްކަމަށް ކަނޑައަޅައި، ސޭލްްސް އެންޑް މާކެޓިން މެނޭޖަރު ކަމުގެ މަގާމުން އޭނާ އެސިސްޓެޓް މެނޭޖާ ރިޕެއާ އެންޑް މެއިންޓަނަންސްގެ މަގާމަށް ބަދަލުކުރުމާ ގުޅިގެން އުނިކޮށްފައިވާ 4،920 ރުފިޔާއަކީ އޭނާއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ނިންމުން ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް އެފްއެސްއެމްގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.