މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަކިކުރި މީހަކަށް އަނބުރާ ވަޒީފާދީ ބަދަލުދޭން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއޭސީއެލްގެ މައްޗަށް އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، 18 އޮކްޓޫބަރު 2015 އިން ފެށިގެން އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، "ސީނިއާާ ވާކްސް ކޯދިނޭޓަ ވެލްޑިން ވާކްޝޮޕް ގަރޭޑް އެކެއް" ގެ މަގާމުން، 17 ޑިސެމްބަރު 2024 ގައި ވަކިކޮށްފައިވާތީ، ތ. ތިމަރަފުށި މެޓްރޯވިލާ މުހައްމަދު ފިރާގުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ފިރާގު ބުނެފައި ވަނީ، އޭނާ ވަޒީފާއިިން ވަކިކުރީ، ވަޒީފާއާބެހޭ ގާނޫނުން ލާޒިމުކުރާ އެކަށީގެންވާ ސަބަބެއްނެތި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ކަމަށެވެ.
އެހެންކަމުން އޭނާ ޓްރައިބިއުނަލްގައި އެދުނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، އެކަށީގެންވާ ސަބަބެއްނެތި ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްފައި ނުވާކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެހެންކަމުން އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކި ވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކުރާ ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އެނޫންވެސް އެންމެހާ މަންފާތައް އެއްފަހަރާ އޭނާއަށްދީ ހަލާސް ކުރުމަށް އެމްއޭސީއެލްއަށް އެންގުމަށް ވެސް އެދިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމީ، ފިރާގު ވަޒީފާއިން ވަކި ކޮށްފައި ވަނީ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކި ކުރުމުގައި ގާއިމް ކުރަންޖެހޭ މައުލުއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ.
އެހެންކަމުން އޭނާ އަކީ ވަޒީފާއިން ވަކި ކުރެވިފަިއވާ ފަރާތެއް ކަމަށް ނުބެލުމަށާއި އޭނާ އަދާ ކުރަމުންދިޔަ މަގާމަށް އަލުން ރުޖޫއަ ކުރުމަށް ވެސް އެމްއޭސީއެލް އަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ. އަދި އޭނާއަށް ބަދަލު ނަގައިދިނުމުގެ ގޮތުން، އޭނާގެ އަސާސީ މުސާރައިގެ ހަތަރު މަސްދުވަހަށްވާ 22،540 ރުފިޔާ އާއި 1،461 ޔޫއެސް ޑޮލަރު، އޭނާއަށް ދިނުމަށް އަމުރުކޮށް، 20 ޑިސެމްބަރުގެ ކުރިން މި ނިންމުން ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އަންގަންވެސް އެމްއޭސީއެލްގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް