ހައްޖު ކޯޕަރޭޝަނުން ވަކިކުރި އިންޓާނަލް އޮޑިޓަރަށް، ބަދަލާއެކު ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކޯޕަރޭޝަންގެ މައްޗަށް ކުރި އަމުރުގައިވާގޮތަށް އެކަން ކުރުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ނ. މަނަދޫ، ރީހުއްސަބާ، މުހައްމަދު ހަލީމް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އޭނާ މި މައްސަލަ ހުށަހެޅީ، 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 20 ޖެނުއަރީ 2025 ގައި ވަޒީފާއިން ވަކިކުރުމުންނެވެ.

މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށްވާތީ، ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ވަޒީފާ އިއާދަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ އޭނާއަށް ލިބިދިނުމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުގައި ކޯޕަރޭޝަނުން އަމަލުކުރިގޮތުން އޭނާގެ ކުރިއެރުމަށާއި، ނަމަށް ލިބފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓްރައިބިއުނަލަށް ފެންނަ ބަދަލެއް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، މުހައްމަދު ހަލީމް އޭނާ އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށް ކަނޑައަޅާ ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރިއިރު، ނޯޓިސް މުއްދަތުގެ ގޮތުގައި އޭނާއަށް ދީފައިވާ 26،509 ރުފިޔާގެ ނިސްބަތުން، ވަޒީފާއެއް އަދާކުރަން ފެށުމާ ހަމައަށް މުހައްމަދު ހަލީމަށް 74،225 ދޭން ކަނޑައަޅައި އެ ފައިސާއިން ނޯޓިސްގެ މުއްދަތަށް ދިން 26،509 އުނިކުރުމަށްފަހު، ޖެހޭ އަދަދަކީ ހައްޖު ކޯޕަރޭޝަނުން އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަން ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ޓްރައިބިއުނަލުން ވަނީ ހައްޖު ކޯޕަރޭޝަނަށް އަންގައި އަމުރުކޮށްފައެވެ.

ނަމަވެސް މި އަމުރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައްޖު ކޯޕަރޭޝަުން ބުނެފައިވަނީ އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި މައްސަލައިގައި ޓްރައިބިއުނަލުން ކުރި އަމުރު މަޑުޖައްސާލުމުގެ އަމުރަކަށްވެސް ހައްޖު ކޯޕަރޭޝަނުން ކޯޓުގައި އެދުނެވެ.

އެ ކޯޕަރޭޝަނުން ބުނެފައި ވަނީ، މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކޮށްފިނަމަ ފައިސާ އަނބުރާ ހޯދުމަށް އިތުރު ހުރަސްތަކެއް ނުވަތަ ލަސްވުމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް ވަޒީފާ ރުޖޫއަކޮށްފިނަމަ، އުވާލެވިފައިވާ ވަޒީފާއަކަށް މުވައްޒަފަކު ޢައްޔަންކުރަން ޖޭހޭ ކަމަށާއި، މުވައްޒަފު އަނބުރާ ރުޖޫއަކޮށް، އަދި މުވައްޒަފެއްގެ ގޮތުގައި ހުންނަ މުއްދަތަކަށް މުސާރަދިނުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވާކަމެއްކަމުގައިވާތީ އެއީ ވެސް މާލީގޮތުން ލިބޭނެ ގެއްލުމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަމުރު ކުރާ ކަމަށެވެ.