ސްޕެނިޝް ލީގުގައި ރޭ ކުޅުނު މި ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތްއިރު ބާސާ އޮތީ ލީގުގައި މޮޅުވުމުގެ ބޮޑު ރެކޯޑެއްގައެވެ. އެގޮތުން ނުވަ މެޗުން ނުވަ މޮޅާއެކު ބާސާ އޮތީ ތަފާތު ފޯމެއްގައެވެެ. ބާސާ ދަނޑުގައި 2-1 އިން ރެއާލް މޮޅުވި އިރު، އެ މޮޅާއެކު އެޓީމުން ވަނީ ބާސާއާ އޮތް ފަރަގު ކުޑަކޮށްފައެވެ.

ބާސާ މިވަގުތު އެއްވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑުން 25 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ރެއާލް އޮތީ 10 މެޗުން 24 ޕޮއިންޓާއެކުގައެވެ.

ރޭގެ މޮޅާއެކު ރެއާލް ކޯޗު ޖޯސޭ މޮރީނިއޯ ވަނީ އޭނާގެ އެލް ކްލެސިކޯ ރެކޯޑު ދަމަހައްޓައިފައެވެ. މޮރީނިއޯ، 13 އަހަރު ފަހުން އަލުން އެލް ކްލެސިކޯއަށް ނުކުމެފައިވާ އިރު، އެންމެފަހުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އެލް ކްލެސިކޯ ހަ މެޗުގައިވެސް ރެއާލް ބަލިވެފައެއް ނުވެއެވެ.

ބާސާއިން މަސައްކަތް ކުރީ ޖެހިޖެހިގެން 10 މެޗުން މޮޅުވެ ލީގު ފެށި ޔޫރަޕްގެ ފުރަތަމަ ޓީމަށް ވުމަށް ނަމަވެސް ރެއާލުން އެކަމަށް ނިމުން ގެނައެވެ. މެޗަށް ކައިރިވެފައި ވަނިކޮށް، ރެއާލްގެ ތިބޯ ކޯޓުއާ ބަލިވުމުން ބަދަލުގައި އަންދްރީ ލުނިން ފުރަތަމަ 11 އަށް ނެރެފައިވާ އިރު، އޭނާ ވަނީ މެޗުގައި ރަނގަޅު ކުޅުމެއްވެސް ދައްކައިފައެވެ.

މެޗުގެ ކުރީކޮޅުގައި ރެއާލްގެ އަދާ ގުލާގެ ނުރައްކަލެއް ފެނުނު ނަމަވެސް، އަނެއްކޮޅުން ރަފީނިއާއަށް ވަނީ ފުރަތަމަ ހާފުގައިވެސް ރަނގަޅު ދެތިން ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭނާގެ ހަމަލާއެއް ދަނޑީގައި ކޭތިލާފައިވެސް ބޭރަށް ގޮސްފައިވެއެވެ. އަދި އެންތަނީ ގޯޑަންގެ ހަމަލާ މަތަކުރީ ލުނިންއެވެ.

ރެއާލްގެ ޔާން ޑިއޮމާންޑޭގެ ނުރައްކާވެސް މެޗުގައި ފެނުނު އިރު، 41 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ ފުރަތަމަ ގޯލް ޖަހައިފައެވެ. އޭގެ އިރުކޮޅެއްފަހުން ލެމީން ޔަމާލަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ރަފީނިއާ މެޗު އެއްވަރުކުރިއެވެ.

އޭގެ އިރުކޮޅެއްފަހުން ޖެރާޑް މާޓިންގެ ހަމަލާއެއް ލުނިން މަތަކުރި އިރު، ޔަމާލަށް ލިބުނު ފުރުސަތުގައިވެސް ފަހަތުން އަރައި ލީޑެއް ނުނެގުނެވެ. ގިނަ ހަމަލާތައް އުފެއްދީ ބާސާއިން ނަމަވެސް، އެންމެފަހުން މެޗު ހޯދީ ރެއާލުންނެވެ.

ޖޫޑް ބެލިންހަމްގެ މަސައްކަތުން ތަނަވަސްކުރި ބޯޅައެއްގައި އެޑުއާޑޯ ކަމަވިންގާ ކުރިއަށް ގޮސް އެމްބާޕޭއަށް ޖައްސާލި ބޯޅަ އޭނާ ނިންމާލީ ފަސޭހަކަމާއެކުގައެވެ.