ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރުން އީގަލްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ބުރުން ލީގުގައި ހޯދި ދެވަނަ މޮޅެވެ. އެޓީމަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ބުރު އޮތީ ހަތް ވަނައިގައެވެ. އީގަލްސްއިން ރަނގަޅު ފޯމެއްގައި ލީގު ފެށި ނަމަވެސް، އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ހަތް މެޗުން 11 ޕޮއިންޓާއެކު އީގަލްސް އޮތީ ހަ ވަނައިގައެވެ.

ކުރީކޮޅުގައި އީގަލްސްއިން ނުރައްކާކޮށް ފެށި ނަމަވެސް ބުރުން ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑު ނަގައިފައެވެ. އީގަލްސްގެ އޭރިއާތެރެއިން އެ ޓީމުގެ މުހައްމަދު ފަރުހާން (ފަރުއްކޮ)، ބުރުގެ ކޮލަމްބިއާ ކުޅުންތެރިޔާ، ހެރޯލްޑް ވަލްޑޭޒަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީގައި ބުރަށް ލީޑު ނަގައިދިނީ ހުއާން އެޑުއާޑޯ ލެސްކާނޯއެވެ.

ދެވަނަ ހާފުގައި އީގަލްސްއިން މެޗު އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ބުރުގެ ގޯލު ބެލެހެއްޓި ޝައިހާން އަލީގެ މަސައްކަތް ފާހަގަކުރެވުނެވެ. އީގަލްސްއަށް ލިބުނު ބައެއް ފުރުސަތުތަކުގައި ރަނގަޅަށް ބޭނުން ނުހިފި ދިޔަ އިރު، މެޗު ނިމިގެން ދިޔައީ ބުރުން ތިން ޕޮއިންޓް ޔަގީން ކޮށްގެންނެވެ.