މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ
ބޫޓާނަށް ސާފް ޗެމްޕިއަންޝިޕަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެވޭ ކަމަށާއި، މިހާރު އޮތް ހާލަތުން ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތުމަކީވެސް ޗެލެންޖެއް ކަމަށް ބޫޓާންގެ އޮސްޓްރޭލިއާ ކޯޗު ގެރީ ފިލިޕްސް ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް ބޫޓާނުން ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނި 2008 ވަނަ އަހަރު އެކަންޏެވެ. ކުރިން ތަފާތު ބޮޑުކޮށް ބޫޓާން ސަރަހައްދީ ޓީމުތައް ކައިރިން ބަލިވި ނަމަވެސް، މިފަހަކަށް އައިސް އެގައުމުގެ ފުޓުބޯޅައިން ކުރިއެރުންތައް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް ބަލިކޮށްފައިވެސް ވެއެވެ. އަދި އެ އަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝް ކައިރިން ބަލިވީ 1-0 އިންނެވެ.
އެންމެފަހުން ބޫޓާނުން ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، އެޓީމުން ވަނީ ބުރުނާއީ ކައިރިން 2-1 އިން މޮޅުވެފައެވެ. ދެން ކުޅުނު މެޗުތަކުގައި ޔަމަނާއި ކެމްބޯޑިއާ ކައިރިންވެސްވީ ބައްޔެވެ.
މިފަހަރު މުބާރާތަށް ނުކުންނަ އިރު، ބޫޓާންގެ އާ ކޯޗު ޓީމާ ހަވާލުވީ އޮގަސްޓް މަހުގައެވެ. އެގައުމުގެ ލީގު ކުރިއަށްދާތީ އެންމެފަހުން މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި މެޗެއް ކުޅެފައެއް ނުވެއެވެ. އެއީ އެގައުމަށް އޮތް ޗެލެންޖެއް ކަމަށް ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު، ގެރީ އިއްޔެގެ ޕްރެސްގައި ބުންޏެވެ.
"އަހަރެމެންގެ ތައްޔާރުވުން ދިޔައީ ފާޑަކަށް. މި މުބާރާތަށް މާގިނަ ވަގުތެއް ހޭދައެއް ނުކުރެވޭ، އޭގެ އިތުރުން އަހަރެމެންނަށް ތައްޔާރުވާން މެޗެއް ނުލިބޭ. އަހަރެމެންނަށް އޮތީ އުނދަގޫ ހާލަތެއް. އެއްވެސް ޓީމަކާ ދެކޮޅަށް ފަސޭހައެއް ނުވާނެ. އަހަރެން މީގެ ދުވަސްކޮޅެއް ކުރިން މަސައްކަތް ކުރީ ޒުވާން ޓީމާއެކު. އެ މަސައްކަތުގައި އުޅެފައި އަހަރެމެން ޓީމު ނެގީވެސް. އެކަމަކުވެސް ފުރަތަމަ ހޯސްޓް ބަންގްލަދޭޝްއާ ދެކޮޅަށް މި ކުޅެން ޖެހެނީ. އެއީ އުނދަގޫވާނެ ކަމެއް. އަހަރެމެން އަސްލު މިއޮތީ އެއްވެސް ޓީމަކާ ވާދަކުރެވޭނެ ހާލަތެއްގައެއް ނޫން،" ގެރީ ފާހަގަކުރިއެވެ.
ގެރީ ފާހަގަކުރީ މި މުބާރާތަކީ ކޮލިފިކޭޝަނެއްގައި ހިމެނޭ މުބާރާތަކަށް ނުވާތީ، އެ މޮޅުވުމުގެ ޕްރެޝަރު ނެތް ކަމަށެވެ. އަދި މި މުބާރާތަކީ މިހާރު ބޫޓާން ޓީމުގައި ތިބި މުޅިން އާ ކުޅުންތެރިންތަކަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ބޫޓާނުން މިހާރު ކުރަމުން އަންނަ މަސައްކަތަށް މުބާރާތް މުހިއްމު ކަމަށް އޭނާ ފާހަގަކުރިއެވެ.
ކޯޗާއެކު ޕްރެސްގައި ބައިވެރިވީ ބޫޓާންގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ކެޕްޓަން ޗެންޗޯ ޔެލްޓްޝެން އެވެ. އުމުރުން 30 އަހަރުގެ ޗެންޗޯ ވަނީ އިންޑިއާ ލީގުގައިވެސް ކުޅެފައެވެ. އެއީ ބޫޓާންގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ޗެންޗޯ ބުނީ ބޫޓާންގެ އަރަމުން އަންނަ އާ ޖީލަށް މިފަހަރު މުބާރާތް މުހިއްމު ކަމަށެވެ. އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އިރު، ހަމްޒާ ޗޯދުރީ ފަދަ ކުޅުންތެރިން ނެތުން އެއީ ދެރައެއް ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެމެން އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަންނަށް ނުކުޅެވުނު. އެމެޗުގައި އަނިޔާގެ ސަބަބުން އަހަރެން ނުކުޅުނީ، ހަމްޒާވެސް އެމެޗުގައި. އަހަރެން އަސްލު ބޭނުން ވަނީ މި މެޗުގައިވެސް ހަމްޒާ ކުޅެން. އެއީ މިހާރު މި ސަރަހައްދަށް ވަރުގަދަ ނަމެއް. އެހެންވީމަ އޭނާ ކުޅޭ މެޗުގައި ކުޅެލަން އަހަރެން ބޭނުން ވަނީ. އެކަމަކު އެހެނެއް ނޫން އޮތީ. ދެން އަހަރެމެންގެ މިއޮތީ މަޑުމަޑުން ކުރިއަރަމުން އަންނަ މަރުހަލާއެއް،" ޗެންޗޯ ބުންޏެވެ.
ބަންގްލަދޭޝްގެ މުހިއްމު ބައެއް ކުޅުންތެރިންނަށް މުބާރާތަށް ނުކުމެވެނީ ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމަށްފަހުއެވެ. އެއީ މިމަހުގެ ނުވަވަނަ ދުވަހަށް ފަހުއެވެ. އެހެންކަމުން ހަމްޒާ ޓީމާ ގުޅޭނީ ދެން އޮންނަ މެޗަށެވެ.
ބޫޓާނާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް