ދާދިފަހުން އުތުރު އެމެރިކާގެ އެމެރިކާ، މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވި ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހެޅުންތައް ހުށަހަޅައިދިން ބަންގްލަދޭޝް - އެމެރިކާގެ ޑީޖޭ ސަންޖޯއީ، ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހެޅުމެއް ހުށަހަޅައިދޭނެކަން އިއުލާނުކޮށްފިއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝް ޑާކާގެ، ގައުމީ ސްޓޭޑިއަމްގައި ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ސަންޖޯއީގެ ހުށަހެޅުން އޭނާ ރަސްމީކޮށް އިއުލާނުކޮށްފައިވާ އިރު، އޭނާ ކުރިން ޕާފޯމް ކޮށްފައިވަނީ ކެނެޑާގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މިފަހަރު ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ހޯސްޓް ތިން ގައުމުގައިވެސް ބާއްވާފައިވެއެވެ. ސަންޖޯއީ ވޯލްޑް ކަޕްގައި ހުށަހަޅައިދިނީ "ސާ ސާ"އެވެ. އޭނާގެ އެ ލަވައަކީ 24 ގަޑިއިރު ތެރޭގައި 20 މިލިއަން ޔޫޓިއުބް ވިއުސް ހޯދި ލަވައެކެވެ.

ސަންޖޯއީއަކީ ބަންގްލަދޭޝްގެ ސްރީމަންގާލްއަށް އުފަން އާޓިސްޓެކެވެ. އޭގެފަހުން އޭނާ ޗިޓަގޮންގައި ދިރިއުޅުމަށްފަހު ކެލިފޯނިއާއަށް ހިޖުރަކުރީއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހަ ޓީމަކުން ވާދަކުރާ އިރު، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށައިފައެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަމުންދާ އިރު، އެންމެ ދަށް އަގަކީ 999 ބަންގްލަދޭޝް ޓަކާއެވެ.