ޔޫއެފާ ނޭޝަންސް ލީގު ގްރޫޕް ހަތަރެއްގައި ރޭ ޕޯޗުގަލްއިން ނޯވޭ ކައިރިން 2-1 އިން މޮޅުވި އިރު، އެ ގްރޫޕްގައި ޑެންމާކު ކުޅުނު މެޗުގައި ވޭލްސް ބަލިކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުއްލިއަކަށް ގައުމީ ޓީމު ދޫކޮށްލުމުން ޕޯޗުގަލްއަށް ވަނީ ސަމާލުކަން ބޮޑުވެފައެވެ. ކޯޗު ޖޯޖް ޖީސަސްއާ ޖެހުނު މައްސަލައެއްގައި ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލިފަހުން އެގައުމުން ދެ މެޗު ކުޅެފައިވާ އިރު، ރޭ ނޯވޭ ކައިރިން މޮޅުވީ ފަހަތުން އަރައެވެ.

ފުރަތަމަ ހާފުގައި ނޯވޭގެ ބްރެންޓްފޯޑް ޑިފެންޑަރު ކްރިސްޓޮފާ އާޔޭ އެޓީމަށް ލީޑު ނަގައިދިނީ 36 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން މާޓިން އޮޑެގާޑް ހުރަސްކޮށްލި ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު، ހާފް ވޮލީއެއްގައި ފޮނުވާލި ބޯޅައިންނެވެ.

އެހެން ނަމަވެސް އޭގެ ދެމިނެޓް ފަހުން ފޯމުގައި ހުރި ޖޮއާއޯ ކާންސެލޯ ޕޯޗުގަލްއިން އެއްވަރު ކޮށްދިނެވެ. ނޫނޯ މެންޑޭޒް އެއްލުމެއްގައި ވައްޓާލަ ދިން ބޯޅަ، ކާންސެލޯ ގޯލަށް ވައްދާލީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ހިތްގައިމު ކޮށެވެ.

ނޯވޭން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު މެޗުތަކުގައިވެސް ތަފާތު ދެއްކި އާލިން ހާލަންޑަށް ދެވަނަ ހާފުގައި އަނިޔާވިއެވެ. އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހިފައިވާ އިރު، ބަދަލުގައި ނުކުތީ ޔޯގެން ސްޓްރޭންޑް ލާސަންއެވެ.

ހާލަންޑަށް އަނިޔާވީ އޭނާގެ ނުރައްކާތެރި ހަމަލާއަކަށް ފަހުއެވެ.

މެޗު އެއްވަރުވާން ދަނިކޮށް، 79 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ރޭގެ މެޗުގައިވެސް މޮޅުވި ގޯލް ޖަހައިދިނީ ގޮންކާލޯ ރާމޯސްއެވެ. އެއީ ވިޓީނިއާ ފެށި އެޓޭކެއްގައި ޖޮއާއޯ ފެލިކްސް ނަގައިދިން ބޯޅައިގައި ރާމޯސް ޖެހި ގޯލެކެވެ.

ޕޯޗުގަލްއަށް މެޗު ނިންމާލަން ޖެހުނީ ރަތް ކާޑަކާއެކުގައެވެ. ފްރަންސިސްކޯ ކޮންސެއިސާއޯއަށް 86 ވަނަ މިނެޓުގައި ރަތެއް ދެއްކީ ދެވަނަ ރީނދޫ ކާޑަކާއެކުގައެވެ.

ޕޯޗުގަލް މިވަގުތު ގްރޫޕް ހަތަރެއްގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޑެންމާކު ރޭ 1-0 އިން ވޭލްސް ބަލިކުރި އިރު، އެމެޗުގެ ހަމައެކަނި ގޯލަކީ ރަސްމުސް ހޮއިލުންޑް ޖެހި ޕެނަލްޓީއެކެވެ. ޑެންމާކަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ވޭލްސްއާއި ނޯވޭއަށްވެސް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ.