އިންގްލެންޑް ގައުމީ ޓީމުގައި ޗެލްސީގެ ކޯލް ޕާމާގެ ހުނަރު ނުފެންނަނީ ލިބޭ ފުރުސަތުތައް މާ ގިނައިން ގެއްލުވައިލާތީ ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޕާމާ، 24، އަށް ވޯލްޑް ކަޕް ސްކޮޑުންވެސް ކޯޗު ޓުޗެލް ޖާގަ ދީފައެއް ނުވެއެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ޕާމާ ހުރީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ޕާމާގެ ފޯމު ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް މި ސީޒަނުގެ މިހާތަނަށް ޕާމާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެއާއެކު ކޯޗު ޓުޗެލް ވަނީ މި ސީޒަނުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކަށް ނެގި ސްކޮޑުގައި ޕާމާ ހިމަނައިފައެވެ. ޕާމާ ސްކޮޑުގައި ފުރަތަމަ ހިމުނު ނަމަވެސް، އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ އަނެއްކާވެސް ސްކޮޑު ދޫކޮށްލައިފައެވެ.

"މިއީ އަނެއްކާވެސް ޕާމާއަށް ގެއްލުނު ބޮޑު ފުރުސަތެއް. ޕާމާ މާގިނައިން އެހެން ލިބޭ ފުރުސަތުތައް ގެއްލުވާލަނީ،" ޓުޗެލް ބުންޏެވެ.

ޗެލްސީއާއެކު މި ސީޒަނުގައި ކުޅުނު ހަތް މެޗުގައި ޕާމާ ވަނީ ހަތަރު ގޯލް ޖަހައި، ދެ އެސިސްޓް ފުރިހަމަކޮށްދީފައެވެ. ޓުޗެލް ބުނީ އޭނާ ކުޅުންތެރިންނަށް ބަރޯސާ ވަނީ އޭނާއާއެކު ކުރާ މަސައްކަތުގައި ދައްކާ ފެންވަރުން ކަމަށާއި، އެކަން ކުރަން ގައުމީ ޓީމުގެ ކޭމްޕްގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އެކަން ނުވާނަމަ، ދެން ޖެހޭނީ ކުޅޭ މެޗުތަކުގައި އާދަޔާހިލާފު ތަފާތެއް ދައްކަން ކަމަށާއި، އެކަން މެޗުތައް ނުކުޅެ ނުކުރެވޭނެ ކަމަށްވެސް ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ ޕާމާ ސްކޮޑުން ދުރަށް ޖެހިލީ ރެސްޓް ކުރަން ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި، ސްކޮޑު ދޫކޮށްލީ އަނިޔާވެގެން ކަމަށެވެ.