ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން ކުޅެން އޮތް ނޭޝަންސް ލީގު މެޗުތަކަށް އިއުލާނުކުރި ސްކޮޑުންވެސް ޗެލްސީގެ ކޯލް ޕާމާއަށް ފުރުސަތު ގެއްލިއްޖެއެވެ.
ޕާމާ، 24، އަށް ވޯލްޑް ކަޕް ސްކޮޑުންވެސް ކޯޗު ޓުޗެލް ޖާގަ ދީފައެއް ނުވެއެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ޕާމާ ހުރީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ޕާމާގެ ފޯމު ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް މި ސީޒަނުގެ މިހާތަނަށް ޕާމާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެއާއެކު ކޯޗު ޓުޗެލް ވަނީ މި ސީޒަނުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކަށް ނެގި ސްކޮޑުގައި ޕާމާ ހިމަނައިފައެވެ. ޕާމާ ސްކޮޑުގައި ފުރަތަމަ ހިމުނު ނަމަވެސް، އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ސްކޮޑު ދޫކޮށްލައިފައެވެ.
ޓުޗެލް އެފަހަރު ބުނީ ޕާމާއަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އޭނާ އެންމެ ރަނގަޅަށް ނުހިފާ ކަމަށެވެ.
ޕާމާ މިހާތަނަށް ސީޒަނުގައި ޗެލްސީއަށް ކުޅުނު 11 މެޗުގައި ފަސް ގޯލް ޖަހައި ތިން އެސިސްޓް ފުރިހަމަކޮށްފައިވާ އިރު، ޓުޗެލް ބުނީ ޕާމާއަށް ފުރުސަތު ނުލިބުނީ އެންމެފަހުން ނެގި ސްކޮޑުގައި ހިމެނުނު އެޓޭކިން މިޑްފީލްޑަރުން އެ ފުރުސަތުގެ ބޭނުން ހިފައި، އޭނާ ބޭނުންވާ ފެންވަރު ދެއްކުމުން ކަމަށެވެ.
އިންގްލެންޑުން ނޭޝަންސް ލީގުގައި ކްރޮއޭޝިއާއި ސްޕެއިނާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންދާ އިރު، މިފަހަރު ސްކޮޑުން ޑޯޓްމުންޑަށް ކުޅެމުންދާ ޖޯބް ބެލިންހަމްއަށް ފުރުސަތު ދީފައިވެއެވެ. ޓުޗެލް ބުނީ ޖޯބަށް ފުރުސަތު ދިނީ ޑޯޓްމުންޑުގައި އޭނާ ތަފާތު ދައްކާތީ ކަމަށެވެ. އަދި ޕާމާ އެ މަގާމަށް ނުނެގެނީ ޕާމާއަކީ ނަމްބަރު 10 ގެ މަގާމަށް ކުޅޭ ކުޅުންތެރިއަކަށްވުމުން ކަމަށްވެސް ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ އެއްވެސް ކުޅުންތެރިޔަކަށް ގައުމީ ޓީމުގެ ދޮރު ބަންދު ނުވާނެ ކަމަށާއި، ޕާމާއަށްވެސް އެނބުރި ޓީމަށް އަރަން ފުރުސަތު އެބައޮތް ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް