ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ރޭ އާޖެންޓީނާ ކައިރިން ބަލިވި މެޗުގައި ނިންމި ހުރިހާ ނިންމުމެއް ނިންމީ އަމިއްލައަށް ކަމަށާއި، އެ ނިންމުންތަކާ އެއްވެސް ވަރަކަށް ހިތާމަނުކުރާ ނަމަވެސް، މެޗުގައިވީ ހުރިހާ ކަމަކަށް ޒިންމާ ނަގާ ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިޔުމަށް، އަދި އޭގެފަހުން ފުރަތަމަ ތަށްޓަކަށް ކުރަމުންދާ މަސައްކަތް ރޭ ނިމުނީ އާޖެންޓީނާ ކައިރިން 2-1 އިން ބަލިވެގެންނެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން އިންގްލެންޑަށް ލީޑު ނަގައިދިން ހިސާބުން އެޓީމު ވަރަށް ބޮޑަށް ފަހަތަށް ޖެހުނެވެ.

ޑިފެންސް ކުރުމަށް ވިސްނާ ޓުޗެލްގެ ފަރާތުން ޑިފެންސިވް ބަދަލުތަކެއްވެސް ކުރިތަން ފެނުނެވެ. ގޯޑަންގެ ބަދަލުގައި އެޒްރީ ކޮންސާ ކުޅެން ނެރުމުގެ އިތުރުން ރީސް ޖޭމްސްގެ ބަދަލުގައި ޑެނިއަލް ބާން އަދި ޑެކްލަން ރައިސްގެ ބަދަލުގައި ނިކޯ އޯރައިލީ ކުޅެން ނެރުންވެސް ފާހަގަވިއެވެ.

އެ ބަދަލުތަކާއެކު އާޖެންޓީނާއިން އެޓޭކަށް ޖާގަ ހޯދައި، އިންގްލެންޑް ކޮޅަށް ދެ ގޯލް ޖެހި އިރު، އޭގެފަހުން ޓުޗެލް ވަނީ އިވާން ޓޮނޭއާއި މާކަސް ރަޝްފޯޑު ކުޅުމަށް ނެރެފައެވެ.

"އަހަރެމެންނަށް ހައްގު ލީޑެއް ލިބުނު. އެހިސާބުން އެކަމަކު ކުއްލިއަކަށް މެޗުގެ އޮއިވަރު ބަދަލުވި. އާޖެންޓީނާއިން ބޮޑެތި ރިސްކްތަކެއް ނަގައިގެން ކުޅެން ފެށި. އަދި ގެއްލޭނެ އެއްވެސް އެއްޗެއް ނެތް އިހުސާސެއްގައި އާޖެންޓީނާއިން ކުޅުނު. އަދި އަހަރެމެންނަށް ކުރިމަތިވީ އޭގެ އިދިކޮޅު. އަހަރެމެން ހާސްވި،" ތަޖުރިބާކާރު ކޯޗު ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ މޮޅުވި އިރު، އޭނާއަށް ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް ބަލިވުމާއެކު ނިންމި ހުރިހާ ނިންމުމަކަށް ފާޑުކިޔާނެ އެތައް މިލިއަން "ކޯޗުންނެއް" ފެންނާނެ ކަމަށެވެ. އަދި އެއީ ފުޓުބޯޅައިގެ އެއްބައި ކަމަށާއި، އެ ނިންމުންތައް މިވެނި ގޮތަކަށް ދިޔަ ނަމަ، މިވެނި ކަމެއް ވީސްކަމަށް ބުނާ ބުނުމަކީ ހީއަށް ދައްކާ ވާހަކަ ކަމަށްވެސް ޓުޗެލް ބުންޏެވެ.

"އަހަރެން ޒިންމާ ނަގަން. އެހެންވިޔަސް އޭގެން އެއްވެސް ނިންމުމަކަށް ރިގްރެޓެއް ނުކުރަން. އެއީ ހާލަތަށް ބަލައި ނިންމި ނިންމުން،" ޓުޗެލް ބުންޏެވެ.

އިންގްލެންޑުން ތިންވަނަ ހޮވާ މެޗުގައި ފްރާންސާ ދެކޮޅަށް ނުކުންނަ އިރު، ޓުޗެލް ބުނީ އެއީ އެއްވެސް ބަޔަކު ކުޅެން ބޭނުންވާނެ މެޗެއް ނޫން ކަމަށެވެ. އަދި އޭގެ އިތުރުން ބޮޑެތި އެތައް ގައުމެއް އިންގްލެންޑަށްވުރެ ކުރިން ކަޓައިގެން ދިޔަ ކަމަށާއި، ސެމީ ފައިނަލަކީ ކާމިޔާބީއެއް ކަމަށްވެސް ޓުޗެލް ފާހަގަކުރިއެވެ.