އިންޑިއާއިން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ވޯލްޑް ކަޕް 2026 ގައި ކުޅުނު ޕެނަމާ ކައިރިން އެއްވަރުވި އިރު، އޮސްޓްރޭލިއާއިން ވަރުގަދަ ބްރެޒިލާ އެއްވަރުކޮށްފިއެވެ.

މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު، އިންޑިއާއިން ޕްލޭން ކޮށްފައި ވަނީ ވަރުގަދަ މެޗުތަކެކެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕެނަމާއާ ވާދަކޮށްފައިވާ އިރު، ދެން ކުޅޭނީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއާއީއާއި ފަސް ފަހަރު ދުނިޔޭގެ ތަށި ހޯދާފައިވާ ބްރެޒިލާ ދެކޮޅަށެވެ.

މިއަދު އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި އިންޑިއާއިން ޕެނަމާ ހިފެހެއްޓީ 1-1 އިންނެވެ. ޕެނަމާއިން ނިމިދިޔަ ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، އެޓީމަށް މޮޅެއް ނުލިބެއެވެ. އެހެން ނަމަވެސް ޕެނަމާ ވަނީ ވަރުގަދަ ގައުމުތަށް ކައިރިން ރަނގަޅު ކުޅުމެއް ދައްކައިފައެވެ. 1-0 އިން ގާނާ ކައިރިން ބަލިވި އިރު، ދެން ކްރޮއޭޝިއާ ކައިރިން ބަލިވީވެސް 1-0 އިންނެވެ. އިންގްލެންޑް ކައިރިން ޕެނަމާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު މެޗުގައި އިންޑިއާގެ ފުރަތަމަ ގޯލް ޖަހައިދިނީ ބެންގަލޫރު އެފްސީއަށް ކުޅެމުންދާ ރަޔަން ވިލިއަމްސްއެވެ. އޭނާއަކީ ދާދިފަހުން އިންޑިއާއިން ނިއުޓްރަލައިސްކުރި ކުޅުންތެރިއެކެވެ. އޭނާއަކީ އޮސްޓްރޭލިއާއަށް އުފަން ކުޅުންތެރިއެކެވެ. ޕެނަމާއިން މެޗު އެއްވަރުކުރީ ދެވަނަ ހާފުގައެވެ. 68 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ އޮމަރު ވެލެންސިއާއެވެ.

ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ އޮސްޓްރޭލިއާއާ ދެކޮޅަށް މިއަދު އެގައުމުގައި ކުޅުނު މެޗުވެސް އެއްވަރުވީ 1-1 އިންނެވެ.

ތަރިންގެ ބްރެޒިލް ކޮޅަށް ފުރަތަމަ ގޯލް ޖެހީ އޮސްޓްރޭލިއާއެވެ. ދެވަނަ ހާފުގައި އެ ގޯލް ޖަހައިދިނީ ނެސްޓޯރީ އިރާންކުންޑާގެ ހިލޭ ޖެހުމަކުންނެވެ. ބްރެޒިލަށް މެޗު އެއްވަރުކުރެވުނީ އެންމެ ފަހުވަގުތު ކޯނަރެއްގައި ރަޔަން ޖެހި ގޯލުންނެވެ. އެ ކޯނަރު ނަގައިދިނީ ރަފީނިއާއެވެ.