ރާއްޖޭން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޗައިނާ ކައިރިން 3-0 އިން ބަލިވެއްޖެއެވެ.
ޗައިނާގެ ޗޮންގިންގައި މިއަދު ކުޅުނު މެޗަކީ ދެޓީމުން ވާދަކުރި ރާއްޖެއާއި ޗައިނާގެ ހަތްވަނަ ކުރިމަތިލުމެވެ. މީގެ ކުރިން ހުރިހާ މެޗެއްވެސް ޗައިނާއިން ކާމިޔާބުކޮށްފައިވާ އިރު، ދެޓީމުން އެންމެ ފުރަތަމަ ކުޅުނީ 2001 ވަނަ އަހަރުއެވެ. އެފަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާގައި ރާއްޖެ ކުޅުނު މެޗު ތަފާތު ބޮޑުކޮށް ޗައިނާއިން ކާމިޔާބުކުރި ނަމަވެސް، ރާއްޖޭގައި ކުޅުނު މެޗު ދިޔައީ ތަފާތު ކޮށެވެ. ރާއްޖޭގައި ޗައިނާއަށް މޮޅުވެވުނީ 1-0 ގެ ނަތީޖާއަކުންނެވެ.
އޭގެފަހުން 2015 އާއި 2016 ވަނަ އަހަރު އަދި 2019 ވަނަ އަހަރުވެސް ރާއްޖެއާއި ޗައިނާ ވާދަކޮށްފައިވާ އިރު، އެންމެފަހުން ކުޅުނީ 2021 ވަނަ އަހަރުއެވެ. އެފަހަރު ޗައިނާ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޗައިނާއިން ދިޔައީ ޑޮމިނޭޓް ކުރަމުންނެވެ. މުޅިންހެން ރާއްޖެ ހާފު ތެރޭގައި ބޯޅަ ގެންގުޅުނު އިރު، ރާއްޖެ ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ދިޔައީ ޑިފެންސް ކުރަމުންނެވެ. ޕްރެސްކޮށް ބޯޅަ ހޯދަން މަސައްކަތް ކުރީ މަދު ފަހަރެއްގައެވެ. މަޑުމަޑުން ހަމަލާތައް އިތުރު ކުރަން ޗައިނާއިން ކުރި މަސައްކަތުގައި އެޓީމަށްވެސް ބައެއް އުނދަގޫތަކާ ދިމާވެފައިވާ އިރު، 20 ވަނަ މިނެޓުގައި ވޭންގް ޒިމިންގް އޭރިއާ ތެރެއިން އެނބުރިލާފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް ކުރިން ހުއާން ޖިއާހޫ ފޮނުވާލި ހަމަލާ މަތަކުރީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފެވެ.
ޗައިނާގެ ނުރައްކަލަށް ފަސް މިނެޓް ފަހުން، 25 ވަނަ މިނެޓުގައި ލިބުނު ކައުންޓާ އެޓޭކް ފުރުސަތެއްގައި ރާއްޖޭންވެސް ނުރައްކާ ކުރިއެވެ. އަހުމަދު އައިހަމް ފަތޯއާއި އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ)ގެ ރަނގަޅު ކޮމްބިނޭޝަނަކާއެކު ލޫތު އޭރިއާ ތެރެއަށް ދުއްވާލި ބޯޅައަށް އައިހަމް މަސައްކަތް ކުރިއެވެ. އޭނާ އޭރިއާ ތެރެއިން ބޯޅައިގައި ޖައްސާލެވޭތޯ މަސައްކަތް ކުރި ނަމަވެސް ޗައިނާ ކީޕަރު ލިއު ޑިއާޒޫ ވަނީ އެ ބޯޅަ ހިފައިފައެވެ.
ޗައިނާއިން އޭގެ ފަހުންވެސް ގިނަ ހުރަސްތަކެއް ޖަހައިގެން އެޓޭކް ކުރަން މަސައްކަތް ކޮށްފައިވާ އިރު، ރާއްޖޭގެ ފަހަތުން ޑިފެންޑަރުންނާއި ކީޕަރު ހުސައިން ދިޔައީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޖުމުލަކޮށް ރާއްޖޭން ޓީމެއްގެ ގޮތުގައި ރަނގަޅަށް ފުރަތަމަހާފުގައި މަސައްކަތް ކުރި އިރު، ހާފުގެ އެންމެ ފަހުވަގުތުގައި ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެ، ފަރުވާ ދޭން ޖެހިފައިވެއެވެ.
ދެވަނަ ހާފަށް ރާއްޖޭން ބަދަލުތަކެއް ކުރި އިރު، އަހްޒަމް ރަޝީދު (އަހު) އާއި ނައްސާހް އިބްރާހީމް ނާސިރުވެސް ކުޅެން ނެރުނެވެ. އަދި ހާފުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ)، ހުސައިން ޝިފާއު، ތޯއިފް ގާސިމް، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)ގެ އިތުރުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވެސް ފެނިގެން ގޮސްފައިވެއެވެ.
ޗައިނާއިންވެސް ދެވަނަ ހާފަށް ބަދަލުތަކެއް ކޮށްފައިވާ އިރު، އެޓީމުން ވަނީ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. ރާއްޖޭގެ ސެންޓްރަލް ދެ ޑިފެންޑަރުން ކައިރިން ދެމިގަނެ، އެ ގޯލް ޖަހައިދިނީ ޒިމިންގެވެ. ޒިމިންގެ އެ ގޯލާއެކު ޗައިނާއިން އިތުރަށް ހަމަޖެހިލާފައި ކުޅެމުން ގޮސް، 56 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލްވެސް ޖަހައިދިނީ ޒިމިންގެވެ. އަރިމަތިން ދިޔަ ހުރަސް އޭނާ ބޮލުން ގޯލަށް ވައްދާލީ ކީޕަރު ހުސައިން އަތުގައި ޖައްސައިފައެވެ.
އޭގެފަހުން ރާއްޖޭގެ ކީޕަރު ހުސައިން ތަކުރާރުކޮށް ގިނަ ސޭވްތަކެއް ކޮށްފައިވާ އިރު، ޑަބަލް ސޭވްއެއްވެސް އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. އަދި ޗައިނާއިން މެޗުގެ ތިންވަނަ ގޯލް ޖެހީ 63 ވަނަ މިނެޓުގައެވެ. އެ ގޯލްވެސް ޖެހީ ޒިމިންގެވެ. އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅަ އޭނާ ގޯލަށް ވައްދާލީ ރާއްޖޭގެ ޑިފެންޑަރު ކުރިއަށް އަރައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ރާއްޖޭން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ދެން ކުޅޭނީ ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށެވެ. އެ ދެމެޗުވެސް އޮންނާނީ ކިރިގިސްތާނުގައެވެ.
މިއަދުގެ މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ 11:
- ހުސައިން ޝަރީފް / ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓެ)
- އިބްރާހީމް އައިސަމް
- އަހުމަދު އައިހަމް (އައިހު)
- އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ)
- އަހުމަދު އައިހަމް (ފަތޯ)
- ހައިޝަމް ހަސަން (ބިޑި)
- އަމްދާން އަލީ (އެންޑީ)
- ހަސަން އީނާޒް
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
- މުޒްދާން ހަސަން
މުޙައްމަދު ޝަމްޢޫން
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ކޮމެންޓް