ރާއްޖެއަކީ ވަރުގަދަ ޓީމެކޭ ބުނެވެން ނެތް ނަމަވެސް، މެޗު ފަސޭހަކޮށް ނަގައިފިނަމަ އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށް ޗައިނާގެ ކޯޗު ޝާއޯ ޖިއާޔީ ބުނެފިއެވެ.

މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ޗައިނާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ހަވީރު 4:35 ގައެވެ. ޗައިނާގެ ޗޮންގިންގައި މިއަދު ކުޅޭ މެޗަކީ ރާއްޖެއާއި ޗައިނާގެ ހަތްވަނަ ކުރިމަތިލުމެވެ. މީގެ ކުރިން ދެޓީމުން ވާދަކުރި ހުރިހާ މެޗެއްވެސް ޗައިނާއިން ކާމިޔާބުކޮށްފައިވާ އިރު، ދެޓީމުން އެންމެ ފުރަތަމަ ކުޅުނީ 2001 ވަނަ އަހަރުއެވެ. އެފަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާގައި ރާއްޖެ ކުޅުނު މެޗު ތަފާތު ބޮޑުކޮށް ޗައިނާއިން ކާމިޔާބުކުރި ނަމަވެސް، ރާއްޖޭގައި ކުޅުނު މެޗު ދިޔައީ ތަފާތު ކޮށެވެ. ރާއްޖޭގައި ޗައިނާއަށް މޮޅުވެވުނީ 1-0 ގެ ނަތީޖާއަކުންނެވެ.

އޭގެފަހުން 2015 އާއި 2016 ވަނަ އަހަރު އަދި 2019 ވަނަ އަހަރުވެސް ރާއްޖެއާއި ޗައިނާ ވާދަކޮށްފައިވާ އިރު، އެންމެފަހުން ކުޅުނީ 2021 ވަނަ އަހަރުއެވެ. އެފަހަރު ޗައިނާ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

މީގެ 25 އަހަރު ކުރިން ގައުމީ ދަނޑުގައި ޗައިނާއިން 1-0 އިން މޮޅުވި މެޗުގައި މިހާރުގެ ކޯޗު ޖިއާޔީ ކުޅެފައިވާ އިރު، އޭނާ ބުނީ އެހަނދާން އެބަހުރި ކަމަށެވެ.

"މީގެ 25 އަހަރުކުރިން އަހަރެން ކުޅުނިން ރާއްޖެއާ ދެކޮޅަށް ޗައިނާއިން ކުޅުނު އެކުވެރިކަމުގެ މެޗު. ފުރަތަމަ ހާފު ނިމުމުއިރު 0-0 އިން އެއްވަރުވެފައި އޮތީ، އެހެން ގޮސް މެޗު ނިމުނީ 1-0 އިން. އެއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް. އެ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި. އެހެންވީމަ މި މެޗު ޖެހޭނެ ވަރަށް ސީރައަސްކޮށް ނަގަން. ރާއްޖެއަކީ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ޓީމެކޭ ބުނެވެން ނެތް ނަމަވެސް، މެޗު ފަސޭހައެއް ނުވާނެ. ވަރަށް ބުރަކޮށް މަސައްކަތްކޮށް، ރާއްޖެއަށް އިހުތިރާމުވެސް ކޮށްގެން ނަތީޖާ ނެރެވޭނީ،" ކޯޗު ޖިއާޔީ ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ރާއްޖޭގެ ފުޓުބޯޅަ އޮތީ އަދިވެސް އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓުބޯޅައަށް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީ މެޗުގެ ކުރިން ބުނީ ޗައިނާއާ ވާދަކުރަން މިހާރު ރާއްޖެއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ފުޓުބޯޅައަށް އަހަރުތަކެއްގެ ޕްލޭނެއް ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.