ޕޯޗުގަލް ގައުމީ ޓީމުން ބޭނުން ނުވާ ހިސާބުން ގައުމީ ޓީމު ދޫކޮށްލަން މިހާރުވެސް ތައްޔާރަށް ހުރި ކަމަށް އުމުރުން 41 އަހަރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މި ސީޒަނަށްފަހު ފުޓުބޯޅަ ހުއްޓާލާނެކަމަށް އިއުލާނުކޮށްފައިވާ ރޮނާލްޑޯ، މިދިޔަ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ހުއްޓާލާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އެކަން އިއުލާނުކޮށްފައި ނުވާ އިރު، ނޭޝަންސް ލީގު މެޗުތަކަށް އާ ކޯޗު ޖޯޖް ޖީސަސް ނެގި 25 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯގެ ނަން ހިމަނާފައިވެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ގައުމީ ޓީމުން އޭނާއަށް ބަރޯސާވުން ހުއްޓާލާ ހިސާބުން މިހާރުވެސް ޓީމު ދޫކޮށްލަން ތައްޔާރު ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށެވެ.
"ޕޯޗުގަލްއިން އަހަރެންގެ ބޭނުން ނުކޮޮށް، ބަރޯސާވާން ބޭނުން ނުވާނަމަ، މިހާރުވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރު. އެކަމުގައި މައްސަލައެއްވެސް ނެތް. އަދި ޕޯޗުގަލް ފުޓުބޯޅަ އިދާރާގެ ރައީސް އަހަރެން ކުޅެން ބޭނުން ނުވާ ނަމަވެސް، އެކަމާ ވާހަކަ ދައްކާނަން. އަހަރެން ގައުމީ ޓީމަށް ކުޅެނީ، އަހަންނަށް ޓީމުވެސް ބަރޯސާވާތީ. އަދި ސަޕޯޓަރުންވެސް އެކަމަށް އެދޭތީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ 1000 ގޯލް ހަމަކުރުމަކީ ޓާގެޓެއް ނަމަވެސް، އެއީ "އޮބްސެޝަންއެއް" ނޫން ކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނެ ކަމަށާއި، އެކަން ކުރަން ބޭނުންވާ ހަކަތަ އަދިވެސް އެބަހުރި ކަމަށް ރޮނާލްޑޯ ބުންޏެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަށް މިހާރުވެސް 90 މިނެޓުގައި ކުޅެވޭނެތޯ ސުވާލުކުރުމުން އޭނާ ބުނީ "އަލް ނަސްރުގެ މެޗުތައް ބެލިނަމަ އެކަން އެނގޭނެ،" ކަމަށެވެ. އެހެން ނަމަވެސް ޕޯޗުގަލްއިން ކުޅެން އޮތް ހަތަރު މެޗުގައި ފުލް 90 މިނެޓުގައި ނުކުޅޭނެ ކަމަށް އޭނާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް