މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދަން މަސައްކަތް ކުރާ ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު، ތޯމަސް ޑޫލީ އެގައުމުގެ ބައެއް ސަޕޯޓަރުންނާއި ނޫސްވެރިންނަށް ވަރުގަދަ މެސެޖެއް ދީފިއެވެ.
ބަންގްލަދޭޝްއިން މިއަހަރު އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޓާގެޓް ކަނޑައަޅާފައިވާ އިރު، މިހާރު އެގައުމުން ތައްޔާރު ވަނީ ފީފާގެ އާސިއާން ކަޕްގައި ކުޅުމަށެވެ. އިންޑިއާއިން އާސިއާން ކަޕުން ނަން ނެގި ހިސާބުން ބަންގްލަދޭޝްއަށް އެ ފުރުސަތު ލިބިފައިވާ އިރު، އާސިއާން ކަޕްގައި އެގައުމުން ވާދަކުރަނީ ގްރޫޕް އޭގައެވެ. އެއީ ސިންގަޕޫރާއި އިންޑޮނޭޝިއާ އަދި މެލޭޝިއާއާއެކުގައެވެ.
ބަންގްލަދޭޝްއިން މި ފަހަކަށް އައިސް އެގައުމަށް ނިސްބަތްވާ އާއިލާތަކުގެ ކުޅުންތެރިން ނެޗުރަލައިސްކޮށްގެން ގައުމީ ޓީމަށް ގެނެސްފައިވާ އިރު، މިފަހަރުގެ މުބާރާތުންވެސް ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ހަމްޒާ ޗޯދުރީއާއި އެމެރިކާގެ ނިއުޔޯކް ކޮސްމޯސްއަށް ކުޅެމުން އަންނަ ޝާމިޓް ޝޯމްވެސް ފެންނާނެއެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގައި ދިރިއުޅޭ އެގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންވެސް ބަންގްލަދޭޝްއިން މިހާރު ވަނީ ޓީމަށް ގެނެސްފައެވެ.
އެ ބަދަލުތަކާއެކު ސަޕޯޓަރުންގެ މެދުގައި އުންމީދު ބޮޑުވެފައިވުމާއެކު، އެޓީމުގެ ކުޅުމަށް ފާޑުކިޔުންވެސް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެން ކުރާ ޑިމާންޑް ބޮޑުވެފައިވާ ކަމަށްވެސް ޑޫލީ ވަނީ ފާހަގަކޮށްފައެވެ.
"އާސިއާން ކަޕްގައި މި ކުރިމަތިލާ ޓީމުތައް ފަސޭހައިން ބަލިކުރެވޭނެކަމަށް ގަބޫލުކުރުމަކީ ރިއަލިސްޓިކް ކަމެއް ނޫން. ޕްރޮފެޝަނަލް ފުޓުބޯޅައަކީ އެހެން އޮންނަ ކަންކަމެއް ނޫން. ޕްރި ސީޒަނަކަށްވެސް އެންމެ މަދުވެގެން ހަ މަސް ނަގާނެ. އަހަރެމެން އެންމެ ދެ ހަފުތާ ނޫނީ ހަތަރު ހަފުތާއިން ކުޅުންތެރިން ރެޑީކޮށްގެން އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. ކުއްލިއަކަށް ދެ ކުޅުންތެރިޔަކު ޓީމާ ގުޅުނަސް، އެހާ ފަސޭހައިން ނަތީޖާއެއް ނުނެރޭވެނެ. މެޗުގެ ނަތީޖާ އެގައުމެއްގެ ލީގާއި، ކުޅުންތެރިން ކުރިއަރާ މިންވަރާއި ތައްޔާރީތައް އަދި ކުރާ މަސައްކަތަށް ބަރޯސާ ވާނެ،" ޑޫލީ ބުންޏެވެ.
ބަންގްލަދޭޝްއިން ދާދި ފަހުން މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވުމާއެކު އެގައުމުގެ ނޫސްތަކުންނާއި ސަޕޯޓަރުން ގައުމީ ޓީމަށް ފާޑު ކިޔާފައިވެއެވެ.
ޑޫލީ ފާހަގަކުރީ މެލޭޝިއާ ކައިރިން ބަލިވި ހިސާބުން ބައެއް ކުޅުންތެރިންނަށް ވަކިވަކިން ފާޑު ކިޔައި ފުރައްސާރަ ކުރުމުން އެ ކުޅުންތެރިންގެ ކޮންފިޑެންސް ދަށްވާ ކަމަށާއި، ސަޕޯޓަރުންނާއި މީޑިއާއިންވެސް އެކަހަލަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އަބަދު ފާޑުކިޔުމުގެ ބަދަލުގައި ހިތްވަރު ދޭންވެސް ދަސްކުރަން ޖެހޭ ކަމަށް ކޯޗު ބުނެފައިވެއެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ކޮމެންޓް