ޑޮލަރު ޓްރާންސްފާތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނައުމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެކޭ ހުވަފެނެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، މިދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ބީއެމްއެލުން ވަނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައި ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށާއި އެއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ އާންމު ދޭދޭ ގުޅުންތަކުގެ ދަށުން ދައްކާން ޖެހޭ ފައިސާގެ ގޮތުގައި އިތުރު 50 މިލިއަން އެމެރިކާ ޑޮލަރު އަދިވެސް ދައްކަން އެބައޮތް ކަމަށާއި ދަރަނިތައް އަދާކުރުމަށްޓަކައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާ ބޭނުންކުރުމަށް ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބޭންކު ނުކުޅެދިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ތެރެއިން މާރުކުރަން މަޖުބޫރުކޮށްފައިވާ 40 ޕަސަންޓުން 160 މިލިއަން އެމެރިކާ ޑޮލަރު ހޯދުމުގައި ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، އަންނަ ހަފުތާގައި ކަސްޓަމަރުންގެ މުއާމަލާތްތައް ފުރިހަމަކޮށްދިނުން އަލުން ފެށޭނެކަމަށް ބީއެމްއެލްއިން އުންމީދުކުރާ ކަމަށެވެ.
"ނަމަވެސް، މިއީ މާލީ ސިޔާސަތެއް ނޫން. މިއީ ހަމައެކަނި ކުރެވޭ ފޮނި އުންމީދެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބީއެމްއެލްއަކީ އާންމު ރައްޔިތުންގެ ހިއްސާވާ ބޭންކަކަށް ވުމާއެކު، ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮޑިޓް ކުންފުނިތަކުން އެ ބޭންކުގެ ސައްހަ ތަފާސްހިސާބުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.
ލޯނު ދައްކަން ބީއެމްއެލްގެ ފައިސާ ނެގި ކަމަށް ނަޝީދު ތުހުމަތުކުރެެއްވި ނަމަވެސް އެކަން ބީއެމްއެލުން ވަނީ ދޮގުކޮށްފައެެވެ.
އަލީ ޔާމިން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް