ބޭރުގެ ސީދާ އިންވެސްޓްމަންޓަކީ ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާ ކަމެއް ނޫން ކަމަށާއި، އެއީ ތަރައްގީއަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދިޔަ ނަމަވެސް، ނަޝީދުގެ ހިޔާލު މުޅީން ތަފާތެވެ. އެގޮތުން އެ މަޝްރޫއަށް ތާއީދުކުރައްވައި ގެންދަވަނީ ވާހަކަފުޅުދައްކަވަމުންނެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ތަޖުރިބާކުރި ގައުމުތަކުގެ ތެރެއިން ކާމިޔާބުކަމާއެކު ކުރިއެރީ ބޭރުގެ ސީދާ އިންވެސްޓްމަންޓް ބަލައިގަތް ގައުމުތައް ކަމަށެވެ. ނަމަވެސް އެ އިންވެސްޓްމަންޓް ހަމައެކަނި ގުދުރަތީ ވަސީލަތްތައް ނެގުމުގެ ބަދަލުގައި ޕްރޮސެސްކޮށް، އުފެއްދުންތެރިކަމާ ދިމާއަށް މިސްރާބުޖެހުން ލާޒިމުވާ ކަމަށް ވިދާޅުވިއެވެ.
ސިންގަޕޫރާއި ދެކުނު ކޮރެއާ މިސާލެއްގެ ގޮތުގައި ނަންގަވައި ނަޝީދު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމަށާއި އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓުގެ ސަބަބުން ނޭދެވޭ އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އެއާ ހިލާފަށް، އެ ގައުމުތަކުގެ އިގުތިސާދު ވަރުގަދަވެ، އެ ބާރުގައި އިސްތިގުލާލު ހިމާޔަތްކުރުމުގެ ގާބިލުކަން ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ޖާގަ ކަށަވަރުވީ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އިރު، އެ ގަރާރު ފާސްކުރުމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެ މަޝްރޫއަށް ތާއީދުކުރައްވާކަން ފާޅުގައި އިއުލާންކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ، އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް އެއްވެސް ޝަރުތަކާ ނުލައި ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ޒަޔަނިސްޓުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް