ރަސްމާލޭގައި ހިންގާން ރާވާފައިވާ ރެސިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވައިލައްވައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ސަރުކާރުން ހިންގާން ނިންމާފައިވާ މަޝްރޫއާ މެދު ރައްޔިތުންތަކެއް ކަންބޮޑުވެފައިވާ ކަމަށާއި، އެ ކަންބޮޑުވުން އުފެދެނީ މައުލޫމާތު ނުލިބި ވާނުވާ ނޭނގޭތީ ކަމަށެވެ. ރައްޔިތުންގެ ރުހުން ނެތި ބޮޑެތި ނިންމުންތައް ކުރިއަށް ގެންގޮސްފިނަމަ ނާކާމިޔާބުވާކަން ފާއިތުވި ދެ ތިން ދައުރެއްގެ ތަޖުރިބާއިން ހާމަވެފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ކުރިއަށްގެންދަނީ ނަމަ އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގައި ފާސްކުރި "ބޮޑުބަދަލު" ސިޔާސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިޔާސަތެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ބޮޑެތި ކަންކަން ހިންގުމުގެ ކުރީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. ވެރިންނަށް ކަމެއް ރަނގަޅު ކަމަށް ފެންނަ ނަމަވެސް، ރައްޔިތުންނަށް ސާފުނުވާ ތަސައްވުރެއް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ކޮންމެ ކަމެއް ކާމިޔާބުކުރުމަށް އަގުލަބިއްޔަތުގެ ތާއީދު ލާޒިމުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި އަޑުއުފުލުމަށް މިމަހުގެ 26 ވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. "މި ޕާޓީ އަކީ އިހުތިޖާޖުކުރަން ދަންނަ އަދި ރައްޔިތުންނާ ގުޅޭ ޕާޓީއެއް،" ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހާސްކަމެއް ނެތި ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއަށް މީގެ ކުރިން ތަކުރާރުކޮށް ނަޝީދު ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައިވާ އިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މަނިކުފާނު ވަނީ ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމުތައް ހިންގުމަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައިފައެވެ.

މި މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ބެހޭގޮތުން، އާންމުން ދެކޭ ގޮތެއް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެއެވެ.