ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމޫހު އަލީ (ސަމުއްޓެ) އަށް ދޭން ގައުމީ ޓީމުގެ ކޯޗު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރޭ ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި އުރުބާނީ ބުނީ ސަމުއްޓެ އަނިޔާގައި ހުރުމުން ޑައިމަންޑް ޖުބިލީ މުބާރާތުގައި ނުކުޅުނު އިރު، އޭނާ އަތުން އެފަހަރު ބޭންޑް ނެގީ ކޮންމެވެސް ވަރެއްގެ މައްސަލައެއް ޖެހިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަން ހައްލުވެ، ވާހަކަ ދެކެވިފައިވާ ކަމަށާއި، އަލުން ބޭންޑް ދިނީ ޓީމު ލީޑުކުރުމުގެ ޒިންމާގައި އޭނާއަށް ތަފާތު ދެއްކޭނެތީ ކަމަށެވެ.

އެ ޖެހުނު މައްސަލައިގެ ތަފްސީލަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން އުރުބާނީ ބުނީ އެ ވާހަކައަކީ އެތެރޭގެ ވާހަކައެއް ކަމަށެވެ.

"ރަނގަޅަށް މިވީ. އަންހެނުން ވެސް އިންދައި ތިސުވާލު އައީމަ. އަހަރެންގެ އަންހެނުންނާ ދެމެދު ހިނގާ ކަމެއް އެއީ އާއިލާ ތެރޭގައި އޮންނަ ކަމެއް. ހަމަ އެގޮތަށް، ސަމުއްޓެއަކީ ގައުމީ ޓީމުގައި އަހަރެން ދެކޭ ޓީމުގެ އާއިލާ ތެރޭގެ މީހެއް. އެހެންވީމަ، އެކަން އޮންނާނީ އަހަރެމެން ތެރޭގައި،" އުރްބާނީ ބުންޏެވެ.

އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަމާ ހަވާލުވި ސަމުއްޓެ ބުނީ، ޑައިމަންޑް ޖުބިލީ މުބާރާތުގައި ޓީމުގައި ނުހިމެނުނު ކަމުގައި ވިޔަސް ކުޅުންތެރިންނާ ވާހަކަ ދައްކައި ޓީމުގެ ކަންކަން ބަލަމުންދިޔަ ކަމަށެވެ.

"ޕްލޭޔަރުންނާ ކޮމިއުނިކޭޓް ކުރަމުން ދިޔައީ، ކޯޗާ ވެސް ވާހަަކަ ދައްކަން. އެންމެންނާ ބަރާބަރަށް ވާހަކަ ދައްކަން، މިހާރުވެސް ކުރިއެކޭ އެއްގޮތަށް ހަމަ ޕްލޭޔަރުން ވެސް އެކަތި ގަނޑެއް ގޮތަށް މަސައްކަތް ކުރަނީ،" ސަމުއްޓެ ބުންޏެވެ.

ރާއްޖޭން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ތިން މެޗު ކުޅެން ރާވާފައިވާ އިރު، މިއަދު ވަނީ ޓީމު ފުރައިފައެވެ. ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު، ގައުމީ ޓީމުން ޗައިނާގެ ޗޮންގްޖިންގައި ކުޅޭނީ ޗައިނާ ގައުމީ ޓީމާ ދެކޮޅަށެވެ. އެމެޗަށްފަހު ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރިރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މިމަހު 28 ވަނަ ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއްވަނަ ދުވަހު ލުބުނާނާ ދެކޮޅަށް ކުޅޭނެއެވެ.