ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚުގައި މި ސެޕުޓެންބަރު މަހުގެ 16 ވަނަ ދުވަހަކީ މުހިންމު ތާރީޚީ ދުވަހެކެވެ މީގެ 52 އަހަރު ކުރީން، 16 ސެޕުޓެންބަރު 1974 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްދޯންޏެއްގައި އިންޖީނު އެޅުނު ތާރީޚީ ދުވަހެވެ.

ދިވެހިރާއްޖޭގެ ހާސް އަހަރުވީ އިގުތިސާދީ ލޭނާރު، ޒަމާނީ ޓެކުނޮލޮޖީގެ ތެރެއިން "މެކުހަށް ޖެހުމުގެ" ފެށުން ކަމުގައިވީ ތާރީޚީ ދުވަހެވެ. ޅ. ނައިފަރު ޢަބްދުލް ޙަކީމް ކާންނާ ކަލޭފާނުގެ "އުންމީދު" ނަމަކަށް ކިޔާ ދޯނި އެއީ އެންމެ ފުރަތަމަ އިންޖީނު އެޅުނު މަސްދޯންޏެވެ. މި "އުންމީދު" ގެ އަލިކަން މުޅި ރާއްޖެއަށް ފެތުރުން ހިމެނުނީ ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުމުގެ ހެޔޮ ނަސީބެއް ކަމުގައެވެ.

އިންޖީނު އެޅި ފުރަތަމަ މިދޯނިީގެ ފުރަތަމަ ދަތުރުގައި މިދޯނިން އެއިރުގެ މަސްވެރިކަމުގެ ވަޒީރު ސުމުއްވުލް އަމީރު އަޙުމަދު ޙިލްމީ ފާށަނާ ކިލެގެފާނާއި ޖަޕާނުގެ ސަފީރު މަހަށް ވަޑައިގެންނެވިއެވެ.

ރާއްޖޭގެ މަސްދޯންޏެއްގައި އެންމެ ފުރަތަމަ ދެ އިންޖީނު އެޅީ ދ. ކުޑަހުވަދޫގައެވެ. އެއީ ކުޑަހުވަދޫ، ނިއުމަތު 3ގައެވެ. ދޯނީގެ ދިގުމިނަކީ 108 ފޫޓެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދެ އިންޖީނު އެޅި މަސްދޯނި، ދ. ކުޑަހުވަދޫ، ނިއުމަތު 3، ދޯނީގެ ދިގުމިން 108 ފޫޓު ---

1974 ގަައި ރާއްޖޭގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުން ހިމެނުނީ ރާއްޖޭގެ މަސްވެރިކަން "މެކުހަށް ޖެހި" އެންމެ ބާރަށް ކުރިއެރި، މަސްވެރިކަމުގެ އިންގިލާބީ ބޮޑުބަދަލެއް އަދި ގައުމީ ތަރައްގީގެ ބޮޑުކުރިއެރުމެއް ކަމުގައެވެ. 1977 ނިމުނުއިރު 700 ދޯނީގައި އިންޖީނު އެޅިފައިވެއެވެ. އަދި ޔަންމާ ސެންޓަރުތައް ހިނގަމުންދިޔައެވެ. ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅިފަހުން އެންމެ ދެތިން އަހަރެއްގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ކުރިއަރާފައިވާ ވަރުގެ ލާމަސީލު މިސާލެކެވެ.

ރާއްޖެއިން ބޭރުކުރި މަހުން އެކަނިވެސް 3.99 މިލިޔަން ޔޫއެސް ޑޮލަރު 1977 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވެއެވެ. ދިވެހިރާއްޖޭގެ ދިވެހި ރައްޔިތުންގެ އިގުތިސާދީ އެންމެ ބޮޑު ސިނާއަތު މަސްވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ފެށުނީ މީގެ 60 އަހަރު ކުރިންނެވެ. 1960ގެ އަހަރުތަކުގައެވެ. ބޭނި މަސްކޮޅު ކިރާލުމުން ވަގުތުން ފައިސާ ލިބުން ވެސް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފުވީ އެއިރުއެވެ. މިގޮތުން މަސްވެރިކަމާބެހޭ ދައުލަތުގެ ޚާއްޞަ ކުންފުނިތައްވެސް އެއިރު އުފެދުނެވެ. މޯލްޑިވްސް ނިޕޯން ކޯޕަރޭޝަނެވެ. ފޮރިން އިންވެސްޓުމަންޓުގެ ތެރެއިން މަރުބޭނި ކޯޕަރޭޝަނެވެ. މަސް ފެކުޓަރީތަކެވެ. ބޮޑު އަގުގައި މަސްގަތުމެވެ.

ރިޔަލު މަސްދޯނީގެ މަސްވެރިކަން ---

ރާއްޖެ އާބާދުވެ ދިވެހީން ދިރިއުޅެން ފެށުނީއްސުރެ 1990ގެ އަހަރުތަކާއި ހަމަޔަށް 1000 އަހަރަށްވުރެ ގިނަ ޒަމާންތަކުގައި، ރާއްޖޭގެ މައިގަނޑު އިގުތިސާދު ބިނާވެފައި އޮތް، ދިވެހީންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. 1970ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވެ 1990ގެ އަހަރުތަކުގައި ފަތުރުވެރިކަން ރާއްޖޭގެ އިގުތިސާދީ 1ވަނަ ސިނާއަތަށް ވާންދެން މަސްވެރިކަން އެއީ ރާއްޖޭގެ 1ވަނަ ސިނާއަތެވެ. 1000 އަހަރުވީ ރާއްޖޭގެ މަައިގަނޑު މަސައްކަތެވެ. 1000 އަހަރު ރާއްޖޭގެ "އިގުތިސާދީ ލޭނާރެވެ."

ދިވެހިރާއްޖޭގެ މަސްވެރިކަމަށް ވަނީ، ސާސްކަފެއް، ހާސްއަހަރު ވެފަައެވެ. އަދި ކަނޑުގެ މާހައުލަށް، ވެށްޓަށް އެންމެ ރައްކާތެރި ގޮތުގައި މަސްވެރިކަން ކުރުމުގެ ދުނިޔޭގެ ރިކޯޑުވެސް ދިވެހިރާއްޖެއަށެވެ. ދިވެހީންނަށެވެ. އެވޭލާއިން މިވޭލާއަށްވެސް ހަމަ މިފަދައިން މިގޮތުގައެވެ. ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ގައުމެކެވެ. ރާއްޖޭގެ ނަމުގެ އަސްލަކީ "މާލޯދީޕު" ކަމުގައި ގަބޫލުކުރެެއްވި މުއައްރިޚުންގެ ނަޒަރުގައި ރާއްޖެއަކީ "މަސްވެރިންގެ ރާއްޖެ"އެވެ!

މަސްވެރިން އެން ދެމުމުގެ މަސައްކަތުގައި ---

މީގެ 115 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުން 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި، 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ. މީގެ 115 އަހަރު ކުރިން ރާއްޖޭގެ އެންމެ މީހުން ގިނަ އަތޮޅު، ތިލަދުންމަތީގެ އާބާދީއަކީ 10605 އެވެ. ފިރިހެނުންގެ އަދަދަކީ 5751އެވެ. މަސްވެރިންގެ އަދަދު 2723 އެވެ. މަސައްކަތު ފިރިހެނުންގެ އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. މިއީ މިސާލެކެވެ. ހުރިހައި އަތޮޅެއްގަައިވެސް އޭރު ކަން އޮތީ ހަމައެފަދައިންނެވެ.

މަހާމަހުގެ އަރަގުންނެ ދިވެހީން އައީ

ގަހާގެހި ވިޔަސް އޭގެފަހުނޭ އައީ

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.