ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރާއްޖޭގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން 3-2 އިން މާޒިޔާ ބަލިކުރި އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ގޯލް ޖެހީ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ)އެވެ. މާޒިޔާއަކީ މިދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ލީގު ޗެމްޕިއަނެވެ. މިއީ 2022 ވަނަ އަހަރު އޭޕްރީލް މަހަށްފަހު މާޒިޔާއިން ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެފަހަރު މާޒިޔާއިން އީގަލްސް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަކީ ނިއު ރޭޑިއަންޓާއި މާޒިޔާ މި ސީޒަނުގައި ވާދަކުރި ހަތަރު ވަނަ މެޗެވެ. ފުރަތަމަ ސީޒަން ފަށަން ކުޅުނު މެޗާއި ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ކުޅުނު މެޗުގެ 90 މިނެޓު ހަމަވިއިރުވެސް މެޗު އެއްވަރުވެފައި އޮތުމުން، އެ ދެމެޗުވެސް ޕެނަލްޓީއަށް ދިޔަ އިރު، ދެމެޗުވެސް ޕެނަލްޓީގައި ކާމިޔާބުކުރީ މާޒިޔާއެވެ. އަދި އެ ދެޓީމުން ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ކުޅުނު މެޗުވެސް ވީ އެއްވަރެވެ.

މެޗު ފަށައިގެން ބޮޑަށް ނުރައްކާކުރީ ނިއު ރޭޑިއަންޓެވެ. ކުރީކޮޅުގައި ގޯމޭސް ޑަ ސިލްވާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެފަހުން ނިއުގެ ޑޯރީ ދުއްވާލި ބޯޅައަކަށް ހަސަން ރާއިފް އަހުމަދު (ހަންނަ) އަރައި ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) މަތަކުރިއެވެ. އަދި އިރުކޮޅެއްފަހުން ޑަ ސިލްވާ ފޮނުވާލި ދެ ބޯޅަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މެޗުގައި މާޒިޔާއިން ކުރި ފުރަތަމަ އެޓޭކުގައި ލީޑު ނެގިއެވެ. ނިއު ރޭޑިއަންޓުން ގެއްލުވާލި ފުރުސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މާޒިޔާއިން އުފެއްދި ހަމަލާގައި ގޯލް ޖަހައިދިނީ އިބްރާހިމް އައިސަމްއެވެ. އަހުމަަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނުކުތުމުން ލޫތު އިބްރާހިމް (ސާނޭ) ޖައްސާލި ބޯޅަ، އައިސަމް ވަނީ ތިރިތިރިން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުން އެއްވަރުކުރީ ހަންނައެވެ. އެ ގޯލަކީ 40 ވަނަ މިނިޓްގައި ޑޯރީ ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައަކަށް އަރައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ނިއު ރޭޑިއަންޓެވެ. އެގޮތުން ޑޯރީ ބޮލުން ފޮނުވާލި ބޯޅަ، ކީޕަރު ހުސެން މަތަކުރިއިރު، ދެމިނިޓް ފަހުން ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލިޓީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ނިއު ރޭޑިއަންޓުން ނުރައްކާކޮށް ފެށި ނަމަވެސް، އަނެއްކާވެސް ގޯލް ޖެހީ މާޒިޔާއެވެ. މެޗުގެ 62 ވަނަ މިނިޓުގައި މާޒިޔާގެ ދެވަނަ ގޯލްވެސް ޖެހީ އައިސަމްއެވެ. އެވެސް މޮޅު ކައުންޓާއެއްގައި ޖެހި ގޯލެކެވެ. އެ ކައުންޓާގައިވެސް އައިހަމްއާއި ލޫތުގެ ހިއްސާ ބޮޑެވެ. އައިހަމް ޖައްސާލި ބޯޅަ ސާނޭ ކަނޑާލުމުން އައިސަމް ހުސްކޮށް އަރައި ގޯލަށް ވައްދާލިއެވެ. އެ ގޯލަށް މާގިނައިރެއް ނުވަނީސް، ނިއު ރޭޑިއަންޓުން ދެވަނަ ފަހަރަށް މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ބަދަލަކަށް ނުކުތް އަލީ ފާސިރު (ސެންޓޭ) އެވެ. އެ ގޯލަކީ ޑޯރީ ފޮނުވާލި ހަމަލާއެއް ކީޕަރު ހުސެން ދިފާއުކުރުމުން ރީބައުންސަށް ނުކުތް ބޯޅައިގައި ސެންޓޭ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން މެޗުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އެއީ ރެފްރީ ފައުލަކަށް ކަށިގަނޑު ފުމުނު ފަހުން، ނިއު ރޭޑިއަންޓްގެ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ ލޫތު ގައިގައި ޖެހުމުން ހިނގާ ދިޔަ ހަމަނުޖެހުމެކެވެ. އެކަމުގައި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރާފައިވާ އިރު، ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. އެ ވަގުތު ހިނގި ކަންކަމަށް ރެފްރީ ވަނީ އަދަބު ދީފައެވެ. އެގޮތުން ނިއު ރޭޑިއަންޓްގެ ބިލިޓީއާއި އީތަންއަށް ރީނދޫ ކާޑެއް ދެއްކި އިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކިއެވެ. އަދި، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރަށްވެސް ރަތް ކާޑެއް ދެއްކިއެވެ.

ދެ ޓީމުގެ ވެސް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި އިރު، އެފަހަރު އަލުން ކުޅުން ފެށީ ހަތް ވަރަކަށް މިނެޓު ފަހުންނެވެ.

ފަހުކޮޅަށް ގޮސް އިތުރު ވަގުތު ގިނަ އިރުތަކެއް ވަންދެން ކުޅެން ޖެހިފައިވާ އިރު، ނިއު ރޭޑިއަންޓް މޮޅުވި ގޯލަކީ ޑަ ސިލްވާ ނަގައިދިން ބޯޅައެއްގައި ޑޯރީ ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.