ޓެރަރިޒަމްގެ ދައުވާ ލިބޭ ބައެއް މީހުންގެ ޝަރީއަތުގައި ހެކިބަސް ދޭ އިންޓެލިޖެންސް އޮފިސަރުންގެ ވަނަވަރު ސިއްރުކުރުމާ މެދު ސުޕްރީމް ކޯޓުން މުހިންމު ނިންމުމެއް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓާއި ހައި ކޯޓުން މީގެ ކުރިން ނިންމާފައިވަނީ އިންޓެލިޖެންސް އޮފިސަރަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނަގަންޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.
ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހެދި ސަބަބުތައް:
- ދައުލަތުން ހެކިބަސް ސިއްރުކުރުމަށް އެދުނު ސަބަބުތަކުގެ ތަފްސީލުގައި ހެކިބަސް ދޭ މީހާއަށް އެއް ހާޒިރުގައި އެއީ ކާކުކަން އެނގޭނެގޮތަށް ހެކިބަސްދީގެން ހެކިވެރިޔާއަށް ލިބިދާނެ ގެއްލުމަކީ ކޮބައިކަން އެނގެން ނެތުމުން އެއް ހާޒިރުގައި ހެކިބަސް ދިނުމަކީ ގައުމީ ސަލާމަތަށް އަސަރުކުރާނެ ކަމެއް ނުވަތަ އިންޓެލިޖެންސު އިދާރާގެ ސިއްރުތައް ހާމަވާ ފަދަ ކަމެއްކަމަށް ބެލެވެން ނެތުމާއި އެފަދަ ސުވާލެއް ކުރިމަތިކުރުވި ނަމަވެސް އެކަން ހުއްޓުވުމުގެ ބާރު ދައުލަތަށާއި ހެކިވެރިޔާއަށް ލިބި އޮތްއިރު، ތަހުގީގު ހިންގި ފަރާތުން ހުށަހެޅި ކަންކަން ހުރިތޯ ބަލާއިރު އެފަދަ ކަމެއް ފެންނަން ނެތުން
- ހެކިބަސް ދިނުމުން އާއްމު މަސްލަތަކަށް އަސަރުކުރާނެ މިންވަރު ދައުލަތަށް ބުނެ ނުދެވުން
ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމަށް ދެކޮޅުވާން ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދުކުރި ސަބަބުތައް:
- ހެކިބަސް ދިނުމުން ހެކިވެރިޔާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތަށް ބަޔާންކޮށް ނުދެވުން
- ހިޔާލީ ކަމެއްގެ މައްޗަށް ބިނާވާ ކަމަކަށްވުމުގެ ބަދަލުގައި ގެއްލުމެއް ވެދާނެކަމުގެ ބޮޑު ނުވަތަ ހަގީގީ އިހްތިމާލެއް އޮންނަންޖެހޭކަމަށް ގަބޫލުކުރާއިރު، އެފަދަ ކަމެއް ދައުލަތަށް ނުދެއްކުން
- ހެކި ހިމާޔަތްކުރުމަށް އެދޭ ފަރާތުން މައްސަލައިގެ ތަހުގީގުގައި އަދާކުރި ދައުރު އެނގެން ނެތުން
- ހެކިބަސް ސިއްރުކުރުމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ހުރަހެއް ނެތްކަމުގެ މައްޗަށް ބަހެއް ބުނެފައިނުވުން
- ހެކިބަސް ދިނުމުން އާންމު މަސްލަހަތަށް އަސަރުކުރާނެކަން ދައުލަތުން ބަޔާންކުރި ނަމަވެސް އެ މިންވަރު ސާފުކޮށް ނުދެވުން
އެ ނިންމުންތަކާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ދައުލަތުން ސްޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އިންޓެލިޖެންސްގެ ދާއިރާގައި މަސައްކަތްކުރަނީ މަދު ބައެކެވެ. އަދި އެފަދަ އޮފިސަރުންގެ ވަނަވަރު ހާމަވުމުގެ ސަބަބުން އެ މީހުންގެ ސަލާމަތަށް ނުރައްކާވެ، މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
މީގެ އިތުރުން "އާންމު މަސްލަހަތަކަށް ލިބިދާނެ ގެއްލުން" ހައިކޯޓުން ވަޒަންކޮށްފައިނުވާ ކަމަށާއި އާންމު މަސްލަހަތުގެ ދާއިރާއަކީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ސީދާ ލިބިދާނެ ގެއްލުމަކަށް އެކަނި ބިނާވާ ކަމެއް ނޫން ކަމަށާއި އެއާ ހިލާފަށް ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި ތަހުގީގީ ގާބިލުކަމާއި ގާނޫނު ތަންފީޒުކުރުމުގެ މުޅި ނިޒާމުގެ ފައިދާއާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީވެސް އާންމު މަސްލަހަތުގެ ތެރޭގައި ހިމެނޭ އަސާސީ ބަހާއެއްކަން ބައިނަލްއަގުވާމީ ޖޫރިސްޕްރޫޑެންސް ތަކުން ގަބޫލުކުރާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން ބުނީ މި މައްސަލައިގައި ދައުލަތުން އެދުނީ ހަނި ފިޔަވަޅެއް ކަމަށާއި ކްރޮސް އެގްޒެމިންކުރުމުގެ ހައްގު ދިނުމާއެކު ހަމައެކަނި އަޑު ބަދަލުކުރުމުގެ ފިޔަވަޅު ކަމަށާއި ހައިކޯޓުން ސިއްރުކުރުމަށް އެދޭ ނުރައްކަލުގެ ބުރަދަން ތިލަފަތްކޮށް ވަކިން ބަލާފައިނުވާ ކަމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިއްވެވި ހުކުމުގައި ވަނީ، އިންޓެލިޖެންސް އޮފިސަރުންގެ ވަނަވަރު ހާމަވެއްޖެ ނަމަ އެކަށީގެންވާ ނުރައްކަލެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންކަމުން ވަކިވަކި އޮފިސަރުންނަށް ވަކިވަކި ހާއްސަ ސަބަބުތަކެއް ހުށަހެޅުން ލާޒިމް ނޫން ކަމަށާއި އެ ފަރާތްތަކަކީ އެއް ހާލަތެއްގައި ތިބި ބަޔަކަށް ވާތީ، އެކަމުންވެސް ނުރައްކަލެއް އޮތްކަން އަންގައިދޭން ފުދޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަލީ ޔާމިން
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް