އަމިއްލަ ދަރިއުޅާ މެދު ޖިންސީ އަމަލު ހިިންގަން ހިއްވަރުދީ އެކަން ކުރުވި މީހަކު ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ، ހދ. ކުޅުދުއްފުށީ ޕެންޒީމާގޭ ނަަސީމާ އަލީގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުޅުދުއްފުށީ ކޯޓުގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. ފުރަތަމަ ދައުވާއަކީ، 2014 ވަނަ އަހަރުން ފެށިގެން ނަސީމާގެ އަންހެން ދަރިއަކަށް ތަފާތު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގުމަށް މާލޭ، ހ. ގޯލްޑަންޝަވާ މަހްމޫދު ހުސެއިނަށް ހިތްވަރުދީ އެކަމަށް މަގުފަހިވާނެ ގޮތަށް އަމަލުކޮށްފައިވާތީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްްޖަކާ މެދު ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ދައުވާއަކީ އެ ކުއްޖާއާ މެދު އެ މީހާ ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ، ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާއެވެ.

މިކަމުގައި ހިމެނޭ މަހްމޫދު ހުސެއިނަކީ ބޮޑުބޭބެއެއްގެ މަގާމުގައި ހުރެ، އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ 17 އަހަރާއި ހަ މަހަށް ޖަލަށްލާން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކޮށްފައިވާ މީހެކެވެ.

ކުޅުދުއްފުށީ ކޯޓުގައި ނަސީމާގެ މައްޗަށް ކުރި ދައުވާގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން ނަސީމާ ކުށްވެރިވާކަމަށް ކަނޑައަޅައި، 18 އަހަރުގެ މުއްދަތަށް އަދި، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކުރިއެވެ.

ނަމަވެސް އެ ހުކުމްތައް ނަސީމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު، މި މައްސަލަ ދަށުކޯޓުގައި ހިންގިއިރު މައްސަލައިގެ ލިޔުންތައް ނަސީމާއަށް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންށް ކަަމަށްބުނެ، ގާނޫނުއަސާސީގައި ބަޔާންކުރާ، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތް ނަސީމާއަށް ލިބިދީފާއި ނުވާ ކަމަށް ކަނޑައަޅައި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ.

ނަމަވެސް ހައިކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު، އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ސީމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި ދަށު ކޯޓުން ނަސީމާ އަލީއަށް އެކަށީގެންވާ ވަސީލަތް ލިބިދީފައި ނުވާކަމަށް ބެލެވޭނެ ތަނެއް ނެތުމުން، މި ދެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކުރިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކޯޓުގައި ނަސީމާގެ މައްޗަށް ކުރި ދައުވާގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން ނަސީމާ ކުށްވެރިވާކަމަށް ކަނޑައަޅައި، 18 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާގައި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރި ހުކުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށް ވަނީ ހުކުމްކޮށްފައެވެ.