ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް ޖޭއެސްސީން އޭނާ ރިޓަޔާކޮށްދެއްވުމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ބޭނުންވަނީ އެއް ފަނޑިޔާރެއް ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 88،000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 59،700 ރުފިޔާގެ އަސާސީ މުސާރައަކާއި، 25،000 ރުފިޔާގެ ލިވިން އެލަވަންސެއްގެ އިތުރުން 3،300 ރުފިޔާގެ ރިސްކް އެލަވަންސެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ވެފައިވުމާއެކު، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުކޮށްފައިވެއެވެ.

ތައުލީމާއި ތަޖުރިބާގެ އިތުރުން، އަހުލާގީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ވެސް ޖޭއެސްސީން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، އެއީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވާންޖެހެއެވެ. އަދި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ. އޭގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.

ޖިނާއީ ކުށުގެ ރެކޯޑަށް ބަލާއިރު، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި، އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ. މީގެ އިތުރުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.

މި މަގާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ވެސް ހުށަހެޅޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު ހުށަހަޅަންޖެހެއެވެ. ނަމަވެސް، 1 ސެޕްޓެމްބަރު 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީއާއި، ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ގާނޫނީ މަސައްކަތްކޮށްފައިވާ ނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުންތައް ވެސް ހުށަހަޅަންޖެހޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ގާނޫނީ ދާއިރާގެ ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ނަމަ، އެކަން އެނގޭނެ ލިޔުމާއި، ސެމިނާ ނުވަތަ ވޯކްޝޮޕްތަކުގައި ގާނޫނީ ދާއިރާއާ ގުޅުންހުރި ޕޭޕަރު ހުށަހަޅާފައިވާ ނަމަ އެކަމާ ގުޅޭ ލިޔުން ވެސް ހުށަހެޅިދާނެއެވެ. ހަމައެއާއެކު، ތައުލީމު ހާސިލުކުރުމުގެ ސަބަބުން ދައުލަތަށް ނުވަތަ އަމިއްލަ އިދާރާއަކަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް ނަމަ، އެ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން ހުށަހެޅުމަށް ވެސް ވަނީ އަންގައިފައެވެ.

ޖޭއެސްސީން ބުނި ގޮތުގައި، މި އިއުލާނާ ގުޅިގެން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.