ކާރު އެކްސިޑެންޓެއްގައި ކުއްލިއަކަށް ނިޔާވި ޕޯޗުގަލްގެ ތަރި ޑިއޭގޯ ޖޮޓާގެ ނަމުން ގޮވައި، ރުބެން ނުވޭސްއަށް ފުރައްސާރަކުރި ސަޕޯޓަރުން އުމުރު ދުވަހަށް ސްޓޭޑިއަމަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭ ކަމަށް އަލް ނަސްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އަލް ހިލާލަށް ކުޅެމުންދާ ނެވޭސްއާ ދިމާކުރުމަށް ޖޮޓާގެ ނަމުން ޗޭންޓް ކޮށްފައި ވަނީ އަލް ތާވޫންގެ ސަޕޯޓަރުންނެވެ. އެއީ ނެވޭސް ކުޅެމުންދާ އަލް ހިލާލުން ބުރައިދާގައި ކުޅުނު މެޗުގެ ކުރިންނެވެ.

ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވީ މިދިޔަ އަހަރު ޖުލައި މަހުއެވެ. އެއީ ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. އެ ކާރު އެކްސިޑެންޓްގައި ޖޮޓާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަންދްރޭ ސިލްވާވެސް މަރުވެފައިވެއެވެ.

ޖޮޓާއާއި ނެވޭސްއަކީ ޕޯޗުގަލް ގައުމީ ޓީމުގައިވެސް ވަރަށް ގާތްކޮށް ފެނިފައިވާ ދެ ކުޅުންތެރިންކަމަށްވީ އިރު، ތާވޫންގެ ސަޕޯޓަރުން ޖޮޓާގެ ނަން ގޮވައި، ނެވޭސްގެ ފޯކަސް ގެއްލުވާލަން މަސައްކަތް ކުރި ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެގޮތަށް ތާވޫންގެ ސަޕޯޓަރުން ގޮވުމާއެކު ނެވޭސްއަށް އެކަން އެނގިގެން އޭނާ ވަނީ އެ ސަޕޯޓަރުންނަށް އިޝާރާތްކޮށް މައްޗަށް އިނގިލިން އިޝާރާތް ކޮށްފައެވެ.

މެޗަށްފަހު މިކްސް ޒޯންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނެވޭސް ބުނީ އެކަހަލަ ދަށު ދަރަޖައިގެ ކަމެއް ކޮށްފައި ދެން ދާ ގޮތަށް އަޅުކަން ކުރަން ނޫޅޭނެ ކަމަށް އުންމީދުކުރާ ކަމަސެވެ.

އެ ވާހަކަ ލިޔެފައިވާ ޕޯސްޓަކަށް ކޮމެންޓް ކުރަމުން ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ބުނީ ލީގުން އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެއީ ފުޓުބޯޅަ ނޫން ކަމަށާއި، ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. އަދި އެކަހަލަ ކަންތައް ކުރާ މީހުން ދުވަހަކު ސްޓޭޑިއަމަށް ނުވަދެވޭނެ ގޮތަށް ބޭން ކުރަން ޖެހޭނެ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.