ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ލެވަންޓޭވެސް ބަލިކޮށްފިއެވެ.
ބާސާއިން މިރެ 4-2 އިން މޮޅުވި އިރު، އެޓީމު ދަނީ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުންނެވެ. މިހާތަނަށް ކުޅުނު ފަސް މެޗުންވެސް ބާސާ މޮޅުވެ، އެޓީމުން 15 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ފަސް މެޗުން ހޯދިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތް ޑެޕޯޓިވޯ އަލާވޭސްއާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާއަށްވެސް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވެއެވެ.
މިރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތުގައި ބާސާއަށް ލީޑު ނަގައިދިނީ ފުލް ބެކް ޒަވީ އެސްޕާޓެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އެސްޕާޓް ގޯލް ތެރެއަށް ވައްދާލީ ހަމަޖެހިލާފައެވެ.
އޭގެފަހުން 17 ވަނަ މިނެޓުގައި ލެވަންޓޭއިން ގޯލަކާ ގާތަށް ޖެހިލިއެވެ. ބާސާ ފަހަތުން ހެދި ގޯހެއްގައި ޕީޓާ ރަޓްކޯވަށް ލިބުނު ފުރުސަތުގައި އޭނާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަވީ ބްލޮކެވެ. އޭގެ ދެމިނެޓް ފަހުން ލަމީން ޔަމާލް ބާސާއަށް ދެވަނަ ގޯލް ޖަހައިދިނެވެ. އެ ގޯލުގައިވެސް ރަފީނިއާގެ ދައުރު ބޮޑެވެ. އަރިމައްޗަށް ގޮސް ރަފީނިއާ ނަގައިދިން ބޯޅަ ޔަމާލް ގޯލަށް ވައްދާލީ އެއްފަހަރުންނެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މެޗުގެ 48 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ގޯލްވެސް ޔަމާލް ކާމިޔާބު ކޮށްދިނެވެ. އެއީ ޔަމާލަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އިރުކޮޅެއްފަހުން ރަފީނިއާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، 79 ވަނަ މިނެޓުގައި ލެވަންޓޭން އެޓީމުގެ ފުރަތަމަ ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ އިވާން ރޮމޭރޯއެވެ. އަދި 88 ވަނަ މިނެޓުގައި ރޯޖާ ބްރޫގޭގެ ގޯލުން އެޓީމުން އިތުރު ގޯލެއް ޖެހި ނަމަވެސް، ބާސާއިން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައި ނަތީޖާ ޔަގީން ކޮށްފައެވެ.
ބާސާގެ ފަހު ގޯލް ޖަހައިދިނީ ކަރީމް އަދެޔޭމީއެވެ. މާކް ބާނަލް ޖައްސާލި ބޯޅަ ހިފައިގެން ގޮސް އަދެޔޭމީ ނިންމާލީ ސީދާ ގޯލްގެ ކަނަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް