ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ބަލިކޮށް، އަލުން ފޯމަށް އެޅިއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ރެއާލުން 4-1 އިން ރަޔޯ ބަލިކުރި އިރު، އޭގެ ކުރީ ހަފުތާ ލީގުގައި ރެއާލް ބެޓިސް ކައިރިން އޮތީ 1-0 އިން ބަލިވެފައެވެ. އެހެންނަމަވެސް ރޭގެ މެޗަށް ނުކުތުމުގެ ކުރިން ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން ކައިރިން މޮޅެއް ހޯދައިފައެވެ.
ރެއާލް މިވަގުތު އޮތީ ލަ ލީގާ ތާވަލުގެ ދެވަނައިގައެވެ. ފަސް މެޗުން 12 ޕޮއިންޓް ހަމަކޮށް، ފައިދާ 10 ގޯލާއެކު ރެއާލް ދެވަނައިގައި އޮތް އިރު، ބާސެލޯނާ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ. ބާސާއިން ވަނީ ގިނަ ގޯލްތައް ޖަހައި، ފައިދާ 15 ގޯލް ހަމަކޮށްފައެވެ.
ރެއާލުން ރޭ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނެގީ ކިލިއަން އެމްބާޕޭގެ ގޯލުންނެވެ. އެއީ ރަޔޯ ޑިފެންޑަރު އޭރިއާ ތެރެއިން އަލްވާރޯ ކަރޭރާސްއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީގައި އޭނާ ޖެހި ގޯލެކެވެ.
އޭގެ ތިން މިނެޓު ފަހުން ރެއާލުން ލީޑު ފުޅާވެސް ކުރި އިރު، ކަރޭރާސް ގޯލް ޖެހީ އެމްބާޕޭ ތަނަވަސްކުރި ފުރުސަތުންނެވެ. ހާފު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް ލީޑު އިތުރަށް ފުޅާކޮށްދިން އިރު، އެ ގޯލަކީ ވިނީޝިއަސް ޖޫނިއާ ކަނޑާލި ބޯޅައެއްގައި ބެލިންހަމް ކާމިޔާބުކުރި ގޯލެކެވެ.
ހާފު ނިމެންދަނިކޮށް، އެމްބާޕޭ ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުކޮށްލާފައިވާ އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ރަޔޯއިން ގޯލެއް ޖެހިއެވެ. އެ ގޯލަކީ ސާޖިއޯ ކަމޭލޯ ޖެހި ގޯލެކެވެ.
އެ ގޯލާއެކު ރަޔޯއިން ހިތްވަރު ހޯދި ނަމަވެސް އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ރެއާލުން މޮޅު ޔަގީން ކޮށްދީފައެވެ. އެމްބާޕޭ ވަނީ ރެއާލަށް އެންމެފަހުން ކުޅުނު 36 ހޯމް މެޗުގައި 34 ގޯލް ޖަހައިދީފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ކޮމެންޓް