ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ، އޭގެ ތެރެއިން އެއް ގޭގައި ދިރިއުޅޭ އަށް މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނި ގޮތުގައި، އިއްޔެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނާ ހަމައަށް ފޭދޫގެ ގެތަކަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ވަނީ ރިޕޯޓުކޮށްފައެވެ.
ވަގުތީ ހިޔާއަށް ބަދަލުކުރި އަށް މީހުންނަކީ، އެ މީހުން ދިރިއުޅޭ ގޭގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވުމާ ގުޅިގެން ބަދަލުކުރި ބައެކެވެ. މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވެސް މެދުނުކެނޑި ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވެފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭއިން ބުނެއެވެ. އަދި ގޯތިގެދޮރާއި ފިހާރަތަކާއި އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އެހެންކަމުން، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ވަނީ އަންނަ އަންގާރަ ދުވަހާ ހިސާބަށް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. މޫސުން ގޯސްވުމާ ގުޅިގެން މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 އަށް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެޓް އޮފީހުން ވަނީ ހުދު އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް