ގއ. ކޮލަމާފުށީގެ 45 ގެއަކަށާއި ކޮލަމާފުށީ ސިއްހީ މަރުކަޒަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ރަށުގެ ގިނަ ގެތަކަކަށާއި ސިއްހީ މަރުކަޒަށް ފެންވަދެ ގެއްލުންތައް ވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިއްޔެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
އެ ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު، ރަށުގެ އެކި ސަރަހައްދުތަކުން ކޯރު ކަނޑައިގެން ރަށުތެރެއިން ވަނީ ބޭރުކޮށްފައެވެ. މީގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމެއް ރޭ އެ ރަށަށް ގޮސް ވަނީ ހަރަކާތްތެރިވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ށ. ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރައި، ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް، އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނި ގޮތުގައި، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަނީ ގޯސްވެފައެވެ. ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ކުރިއަށް އޮތް ހަތަރު ދުވަހުވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ފާހަގަކުރިއެވެ.
މި ވިއްސާރައާ ގުޅިގެން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އަދި ފެންބޮޑުވުމާއި މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމަށާއި، ހާއްސަކޮށް ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ގއ. ކޮލަމާފުށި
ކޮމެންޓް