ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތިހުން ފެށިގެން ވިއްސާރަކުރަމުންދާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ފުރަތަމަ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުމަށްފަހު މިހާރު އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 4:30 ގެ ނިޔަލަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖެއަށް މިމަހުގެ 13 އިން ފެށިގެން ތިން ދުވަހަކަށް މޫސުން ގޯސްވިއެވެ. އެފަހަރު ވެސް ބޮޑަށް ވިއްސާރަކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އެގޮތުން އެ ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.
ކޮމެންޓް