ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
މި ވިއްސާރައާ ގުޅިގެން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. މީގެ އިތުރުން، ފެންބޮޑުވުމާއި މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމަށް ހުރިހާ ފަރާތްތަކަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. ހާއްސަކޮށް، މި ދުވަސްވަރު ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށްވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.
ވިއްސާރައިގައި އިއްޔެ އެންމެ ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައިވަނީ ގއ. ކޮލަމާފުއްޓަށެވެ. އެ ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު، ރަށުގެ އެކި ސަރަޙައްދުތަކުން ކޯރު ކަނޑައިގެން ރަށުތެރެއިން ވަނީ ބޭރުކޮށްފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލަމާފުއްޓަށް ވަނީ އެމްއެންޑީއެފްގެ ޓީމެއް ރޭ ގޮސް، ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން، ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރައި، ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް، އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
ކޮމެންޓް