އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ޓާކިޝް އެއާލައިންސްއާއެކު ފަސް އަހަރު ދުވަހުގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ލިވަޕޫލުން ޓާކިޝް އެއާލައިންސްއާއެކު ސޮއިކޮށްފައި ވަނީ އެ ކްލަބުގެ މައި ޕާޓްނަރެއްގެ ގޮތުގައެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހަކީ އަންނަ އަހަރު ޖޫން މަހުން ފެށިގެންނެވެ. އެެ އެއްބަސްވުމާއެކު ލިވަޕޫލް ޖާޒީގެ ސްޕޮންސާވެސް ޓާކިޝް އެއާލައިންސްއަށް ބަދަލުވެގެންދާނެއެވެ. އެޓީމުން 2010 ވަނަ އަހަރުން ފެށިގެން ޖާޒީ ސްޕޮންސާ ބަދަލުކޮށްފައެއް ނުވެއެވެ. މިހާރުގެ ސްޕޮންސާއަކީ ސްޓޭންޑާޑް ޗާޓާޑެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ލިވަޕޫލުން ޓާކިޝް އެއާލައިންސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ އަގު، 405.78 މިލިއަން ޑޮލަރަށްވުރެ ބޮޑެވެ. އެއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެންމެ ބޮޑު އެއް ސްޕޮންސާޝިޕް ޑީލެވެ.

ލިވަޕޫލުން ބުނެފައި ވަނީ މިހާރު ޖާޒީގައި ބޭނުންކުރާ ސްޓޭންޑާޑް ޗާޓާޑަކީ އަދިވެސް އެ ކްލަބުގެ ގްލޯބަލް ސްޕޮންސަރެއް ނަމަވެސް، އަންނަ އަހަރުން ފެށިގެން އެ ކްލަބުގެ މައި ސްޕޮންސަރަކީ ޓާކިޝް އެއާލައިންސް ކަމަށެވެ. އެހެންކަމުން ބްރޭންޑިންއަށް އެ ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށްވެސް ކްލަބުން ބުންޏެވެ.

އެ ކްލަބުން ބުނީ ޓާކިޝް އެއާލައިންސް ނިސްބަތްވާ ތުރުކިއޭއަކީ ލިވަޕޫލްގެ ތާރީހާ ގުޅުން އޮތް ގައުމެއް ކަމަށާއި، 2005 ވަނަ އަހަރު އާދަޔާހިލާފު ނަތީޖާއަކުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަނދާން އަބަދުވެސް ސަޕޯޓަރުންގެ ހުންނާނެ ކަމަށެވެ. އެފަހަރު ލިވަޕޫލުން ޗެމްޕިއަންސް ލީގު އުފުލާލީ އިސްތަންބޫލްގައެވެ.

ޓާކިޝް އެއާލައިންސަކީ މިހާރުވެސް ފުޓުބޯޅައިގެ ތެރޭގައި ފެނިގެންދާ ބްރޭންޑެކެވެ. އެގޮތުން ޓާކިޝް އެއާލައިންސަކީ ޗެމްޕިއަންސް ލީގުގެ ސްޕޮންސަރެއްގެ އިތުރުން އެގައުމުގެ ގައުމީ ޓީމުގެ މެއިން ސްޕޮންސަރެވެ.