މިއީ ބެލޮންޑިއޯ ލިބެން ރަނގަޅު އަހަރަކަށް ވާނެ ކަމަށް އަމިއްލައަށް ވިސްނޭ ކަމަށް ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

އުމުރުން 27 އަހަރުގެ އެމްބާޕޭއަށް މިދިޔަ ސީޒަން ވެގެންދިޔައީ އިންޑިވިޖުއަލީ ކާމިޔާބު ސީޒަނަކަށެވެ. ރެއާލް މެޑްރިޑާއެކު ތަށްޓެއް ނުހޯދުނު ނަމަވެސް، ކުޅުނު 44 މެޗުގައި 42 ގޯލް ޖެހިއެވެ. އޭގެ އިތުރުން ތަފާތު ވަރުގަދަ ފޯމަކާއެކު ފްރާންސާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރު ކޮށްފައިވެއެވެ. އެމްބާޕޭއަކީ މިހާރު ތާރީހުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދީ 10 ގޯލް ޖަހައިގެންނެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކްލަބު ރެއާލަށް ކުޅޭއިރު މީހުން ދައްކާނެ ބެލޮންޑިއޯގެ ވާހަކަ، އެކަން އަހަންނަށް އެނގޭ. އަހަންނަށް ބެލޮންޑިއޯ ލިބެން ޖެހޭ ކަމަށް ގަބޫލުކޮށް، އެކަމަށް ވާހަކަ ދައްކާ މީހުންވެސް ވަރަށް ގިނަ. ޔަގީނުންވެސް ދުނިޔޭގެ އެންމެ ތާރީހީ މުބާރާތުގައި އަހަންނަށް ތާރީހު ލިޔެލެވުނު. މިއީ ރަނގަޅު އަހަރެއްހެން ހީވޭ. އެހެންވީމަ ވޯޓު ދޭ މީހުން އެކަމަށް ވިސްނައިގެން ވޯޓު ދިނުން ރަނގަޅުވާނެ. އަހަންނަށް ވިސްނެނީ އަހަންނަކީ އަބަދުވެސް އެއްވަނަ ކަމަށް. އެކަމަކު ހިޔާލު ތަފާތުވާ މީހުން އުޅޭނެ. ވޯޓު ލާނީ ނޫސްވެރިން،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ، 2023 ވަނަ އަހަރު ބެލޮންޑިއޯ ރޭންކިންގެ ތިންވަނައިގައި ނިންމާލިއ އިރު، އޭރު އޭނާއަކީ މިހާރު ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ ކުޅުންތެރިއެކެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލިފަހުން އެ ކްލަބުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، އެމްބާޕޭ ބުނީ ޕީއެސްޖީގެ އެ ކާމިޔާބީޔާ ދޭތެރޭ މާބޮޑަށް ނުވިސްނާ ކަމަށެވެ.