ސްޕެނިޝް ލީގުގައި ބާސެލޯނާއިން މިރޭ ކުޅުނު މެޗުގައި ވެލެންސިއާ ކައިރިންވެސް ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ބާސާއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 5-0 އިންނެވެ. ޗެމްޕިއަން ބާސާއިން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ފަސް ގޯލް ޖަހާފައިވެއެވެ. ފުރަތަމަ މެޗުގައި އެލްޗޭ ކައިރިން 5-0 އިން ބާސާ މޮޅުވި އިރު، މިދިޔަ ހަފުތާ ރަޔޯ ވަޔެކާނޯ ކައިރިން ބާސާ މޮޅުވީ 5-2 އިންނެވެ.

ހަތަރު މެޗުން މޮޅުވެ ބާސާއިން އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޑެޕޮޓީވޯ އަލާވޭސް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ރެއާލުން މިހަފުތާ ކުޅުނު މެޗުގައި ރެއާލް ބެޓިސް ކަައިރިން ވަނީ ބަލިވެފައެވެ. ބެޓިސް ހަތަރު ވަނައިގައި އޮތީވެސް ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެ ދެޓީމުގެ ފަރަގަކީ ޖެހި ގޯލްގެ ފަރަގެވެ.

މިރޭގެ މެޗުގައި ބާސާއަށް އެންމެ ވިދާލި އެއް ކުޅުންތެރިޔަކީ ފާމިން ލޮޕޭޒެވެ. މެޗުގެ ހަވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފާމިންގެ ބޯޅައަކުން ލަމީން ޔަމާލެވެ. ފާމިން ދުއްވާލި ބޯޅަ ހަނި އެންގަލަކުން ޔަމާލް އަމާޒުކޮށްލީ މަތީ ދާގަނޑަށެވެ. އޭގެ ދެމިނެޓް ފަހުން ޔަމާލް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ގޯލެއް ނޫން ކަމަށް ނިންމީ އޮފްސައިޑް ވުމުންނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އެންތަނީ ގޯޑަންގެ ބޯޅައިން ފާމިން ބާސާއަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ފާމިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަފީނިއާ ވަނީ ބާސާގެ ތިންވަނަ ގޯލްވެސް ޖަހައިފައެވެ. ފަހުކޮޅުގައި ބާސާއިން ދެ ގޯލް ޖެހި އިރު، ޕެޑްރީއާއި ޔަމާލް ޖެހި ގޯލްތަކަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯއެވެ.