އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ކިބައިން މައާފަށް އެދިއްޖެއެވެ.
އެތުލެޓިކޯއިން ރޭ ލީގުގައި ކުޅުނު މެޗުގައި ޑެޕޮޓިވޯ ލަ ކޮރޫނިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ގޯލް ޖަހައިދިނީ އަލްވަރޭޒްއެވެ. އެ މޮޅާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ 10 މެޗުން 25 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ބާސެލޯނާ އޮތީ ނުވަ މެޗުން 27 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗަށްފަހު އަލްވަރޭޒް ބުނީ ސަޕޯޓަރުން ކިބައިން މައާފަށް އެދެން ބޭނުންވާ ކަމަށެވެ. އެއީ ވޯލްޑް ކަޕް ތެރޭގައި ބާސެލޯނާއަށް ދިޔުމަށް ބޭނުންވާ ކަމަށް ބުނެވުމުންނެވެ. މިދިޔަ ސީޒަނަށްފަހު މި ސީޒަން ފެށުމާ ދޭތެރޭ އެންމެ ބޮޑަށް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި އެއް ވާހަކައަކީ އަލްވަރޭޒްގެ ޓްރާންސްފާގެ ވާހަކައެެވެ.
ވޯލްޑް ކަޕް ތެރޭގައި އަލްވަރޭޒް ބުނީ "ކެރިއަރުގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ބާސެލޯނާއަށް ދާން،" ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެތުލެޓިކޯއިން ވަނީ އެންމެ ފަހުވަގުތާ ހަމައަށްވެސް ގޮތް ދޫނުކޮށް ހިފަހައްޓައި، އަލްވަރޭޒް ބާސެލޯނާއަށް ވިއްކާލަން އިންކާރު ކޮށްފައެވެ. އެއާއެކު އަލްވަރޭޒް ވަނީ ތަމްރީނުތަކަށްވެސް ނުނުކުމެ ހުރެފައެވެ.
"އަހަރެން ބޭނުން ސަޕޯޓަރުން ކިބައިން މައާފަށް އެދެން. އެއީ ވޯލްޑް ކަޕް ތެރޭގައި ދެކެވުނު ވާހަކައިން. އެއީ މިސްޓޭކެއް، އެހެން ބުނަން ޖެހޭ ވަގުތުގައެއް ނޫން ބުނެވުނީ. އަދި ބުނަން ޖެހޭ ގޮތަކަށްވެސް ނޫން ބުނެވުނީ،" އަލްވަރޭޒް ބުންޏެވެ.
އަލްވަރޭޒް ބުނީ ސަޕޯޓަރުން ރުޅި އައި ސަބަބު ސާފުވާ ކަމަށާއި، ހާއްސަކޮށް ކުރިން ފެށިގެންވެސް ސަޕޯޓަރުން އޭނާއަށް ދެމުންދިޔަ ލޯތްބާއެކު އެކަން ގަބޫލުކުރެވޭ ކަމަށް އަލްވަރޭޒް ބުންޏެވެ.
މި ސީޒަނުގެ މިހާތަނަށް ސަޕޯޓަރުންގެ ފަރާތުން އަލްވަރޭޒަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު، އޭނާ ބުނީ ހާލަތު ބަދަލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
ކޮމެންޓް