ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ސައުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން:

މި ދައުވާ ސައުދު އަލީއަށް ކުރަނީ އެ ސިޓީގެ އާބާދީ 10,000 ފުރިހަމަވާ ރަށެއް ގޮތުގައި ދެއްކުމުގެ ގޮތުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ސިޓީއާ އެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާ ކުރި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާތީއެވެ.

އަދި އެ ލިސްޓްގައި ހިމެނޭ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާ ކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން އެދުމުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ސިޓީއާއެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެ، ސައްހަ ނޫން ލިސްޓެއް ލޯކަލް ގަވާމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާތީއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން:

މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގުގައި، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާ ކުރުމަށް ފުލުހުން އެ ކައުންސިލްގައި އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ފެކްސް މެސެޖުން، ގދ. ތިނަދޫ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީއަށްވެސް ހުށަހަޅުއްވައިފައެވެ.

މެންބަރު ސައުދުﷲ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ތިނަދޫގެ އާބާދީގައި ގާނޫނުގައިވާ އަދަދަށް މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.

ތިނަދޫ ސިޓީއެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.